ކޮވިޑް-19 އާ ގުޅިގެން ޗައިނާ ބަންދު ކުރިތާ ތިން އަހަރަށް ފަހު މިއަދު އެ ގައުމުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ.

ޗައިނާގެ ފަތުރުވެރިން ގޮވައިގެން ރާއްޖެއަށް ދަތުރުކުރި ފުރަތަމަ ފްލައިޓް އައުމުގެ އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ކުލަގަދަ ހަފްލާއެއް ބާއްވައިފިއެވެ. މި ހަފްލާ ބާއްވާފައިވަނީ ޗައިނާގެ ބެއިޖިން ޑެކްސިން އިންޓަނޭޝަނަލް އެއާޕޯޓުން ފްލައިޓް ޖޭޑީ455 އައުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.

Ad
rt

ވޭތުވެދިޔަ 3 އަހަރު ތެރޭގައި ޗައިނާއިން ރާއްޖެއަށް އައި ފުރަތަމަ ފްލައިޓަށް މަރުހަބާ ކިޔުމަށާއި މި ކަމުގެ އުފާފާޅުކުރުމުގެ ގޮތުން މި ފްލައިޓުގައި ތިބި ފަސިންޖަރުންނަށް މަރުހަބާ ކިޔާފައިވަނީ ސަގާފީ ބޮޑުބެރާ އެކުގައި ފެނުގެ ސެލިއުޓަކާއެކުގައެވެ.

މީގެ އިތުރުން ފަސިންޖަރުންނަށް މާ ބެހުމުގެ އިތުރުން ހާއްސަ ހަދިޔާ ޕެކެއް ވެސް ވަނީ ދީފައެވެ.

މި ހަރަކާތަށް ރާއްޖެއާއި ޗައިނާގެ މަތީ ފަންތީގެ ވަފުދެއްވަނީ ވަޑައިގަނެފައެވެ. މި ވަފުދުގައި މިނިސްޓަރުންނާއި އެންބެސަޑަރުންގެ އިތުރުން ރާއްޖެއާއި ޗައިނާ ސަރުކާރުގެ ގިނަ ފަރާތަތްކުން ވަނީ ބައިވެރިވެލައްވާފައެވެ.

ޗައިނާ މާކެޓަކީ 2020 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ އެރައިވަލް ޗާޓްތަކުގެ އެއްވަނައިގައި އޮތް ގައުމުވެ. ކޯވިޑް-19 އާއި ގުޅިގެން ގާތްގަނޑަކަށް ތިން އަހަރަށް ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، އައުޓްބައުންޑް ޓްރެވަލްއަށް ޗައިނާ އަލުން ހުޅުވާލާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ.

2019 ވަނަ އަހަރު 284،029 އެރައިވަލްސްއާއެކު ރާއްޖޭގެ ޓޮޕް ސޯސް މާކެޓަކީ ޗައިނާއެވެ. ކޮވިޑް-19ގެ ސަބަބުން މި އަދަދު 2020 ވަނަ އަހަރު ވަރަށް ބޮޑަށް ދަށްވެ، 34،245 ފަތުރުވެރިން (%6.2) އާ އެކު 6 ވަނައަށް ވެއްޓުނެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިއަދަކީ ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ އާ ބާބެއްގެ އުޖާލާ ފެށުމެއް ކަމަށެވެ.

"ދެ ޤައުމުގެ ދެމެދު ފްލައިޓްތައް އަލުން ފަށައިގަތުމާއެކު ޗައިނާއަނެއްކާވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓްތަކުގެ ލިސްޓުގައި ހިމެނިގެންދާނެ ކަމަށް ޝައްކެއްނެތް." ތޮއްޔިބު ވިދާޅުވިއެވެ.