"މިހާރު" ނޫހުގެ ނޫސްވެރިންނަށް ފުރައްސާރަ ކުރާތީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ވަނީ ސޯޝަލް މީޑިއާ އާއި އެނޫން ވެސް ގޮތްގޮތުން "މިހާރު" ނޫހުގެ ނޫސްވެރިންނަށް ފުރައްސާރަކޮށް، ބަދުނާމުކޮށް، އަބުރުގެއްލޭފަދަ ވާހަކަތައް ފަތުރަމުން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

Ad
rt

މީގެ އިތުރުން ނަމާއި އަބުރު ރައްކާތެރިކުރުމާއި މިނިވަން ނޫސްވެރިކަމަކީ ރާއްޖޭގެ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތަކެއް ކަމަށެވެ.

އެހެންކަމަށްވާއިރު، ކަނޑައެޅިގެން ވަކި ނޫސްވެރިންތަކަކަށް އަމާޒުކޮށްގެން ހިންގޭޭ މިފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ ތަހުޒީބުވެފައިވާ ޑިމޮކްރެޓިވް ވެއްޓެއްގައި އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށް ވެސް ބަޔާނުގައި ވެއެވެ.

"މިޖަމިއްޔާއިން ގަބޫލުކުރާ ހަމަޔަކީ ފާޑުކިޔަންވާނެކަމާއި ނަމަވެސް އެފާޑުކިޔުން ވާންވާނީ ޒާތީނުވެ، ބިނާކުރުވަނިވި ފާޑުކިޔުމަށް ކަމެވެ. ނަމަވެސް މިފަހުން މިހާރުގެ ނޫސްވެރިންނަށް އަމާޒުކުރަމުންދާ އަމަލުތަކަކީ މިހަމައިން ބޭރުގެ އަމަލުތަކެއްކަން މި ޖަމިއްޔާއިން ފާހަގަ ކުރަމެވެ." އެމްޖޭއޭގެ ބަޔާނުގައި ވެއެވެ.

މިފަދަ އަމަލުތައް ގިނަވެ، މިހާރު ނޫހުން ބައެއް މައްސަލަތައް މަދަނީ މައްސަލަތަކެއްގެ ގޮތުގައި ފުލުހުންނަށް ހުށަހެޅުމަށް ތައްޔާރުވަމުންދާތީ، އެ މައްސަލަތައް ވީއެންމެއަވަހަކަށް ތަހުގީގުކޮށް، ނޫސްވެރިންނަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާއިބެހޭ މުވައްސަސާތަކަށް ވަނީ ގޮވައިލާފަ އެވެ.

މީގެ އިތުރުން ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކި ފަންތިތަކުގައި ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން އެކި އިދާރާތަކާ ސަރުކާރަށް ވެސް މީގެކުރިން ހުށަހަޅާފައިވާނެ ކަމަށާއި މި ފުރުސަތުގައި އެކަންކަން ތަކުރާރުކޮށް ވީހާވެސް އަވަހަކަށް އެކަންކަން ތަންފީޒު ކުރުމަށް ވެސް ވަނީ ގޮވައިލާފަ އެވެ.

ނޫސްވެރިންނަށް އަމާޒުކޮށް ހިންގޭ މިފަދަ އަމަލުތަކާއި ގުޅިގެން އެ ޖަމިއްޔާއިން ކުރެވެން ހުރި ކަންކަން ބަލައި، އެހީތެރިކަން ފޯރުކޮށްދެވެން ހުރި ދާއިރާތަކުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އެމްޖޭއޭ އިން ވަނީ ދެއްވާފަ އެވެ.