މީގެ 10 އަހަރު ކުރިން މާލޭގައި ފުލުހުންނަށް ފިލަން ދުއްވަނިކޮށް ހިނގި އެކްސިޑެންޓްވެ، މީހަކު މަރުވި މައްސަލާގައި އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔައެއް ދައްކަން ހުކުމްކޮށްފި އެވެ.

އޮގަސްޓް، 2012 ގައި ފުލުހުންނަށް ފިލަން ސައިކަލު ދުއްވަނިކޮށް ޖަސްޓިސް ބިލްޑިން ކުރިމަތީގައި މަޑުކޮށްގެން ހުރި ސ. ހިތަދޫ ރަތްފުސްގޭ އަބްދުﷲ ގާސިމްގެ ގައިގައި ސައިކަލުން ޖެހި، މަރުވި މައްސަލާގައި ދައުލަތުން ދައުވާކުރީ ގއ. ގެމަނަފުށީ ނޫރުއްސަބާހު އަހުމަދު ނާދީ ސަލީމްގެ މައްޗަށެވެ.

Ad
rt

އެ މައްސަލާގައި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއަށް ނާދީ އިއުތިރާފްވި އެވެ. އެ ކުށަށް އޭރު ގާނޫނުގައި އޮންނަ އަދަބަކީ އިސްލާމީ ޝަރީއަތުގައި އެކަމަށް އަދަބެއް ދިނުމެވެ. އެ ކުށަށް އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބަކީ މަރުގެ ދިޔަ ދެއްކުމެވެ.

އެހެންވެ، މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ފަސް އަހަރު ތެރޭގައި ދައްކަން ކ. މާފުށީ ކޯޓުން ހުކުމްކުރީ މިދިޔަ ހަފުތާގަ އެވެ.