ރާއްޖޭގެ ރިޒޯޓެއްގައި ވިޝް ޓްރީ އަކާއި ވިޝް ވެލްއެއް ހުރުމުން، ރާއްޖޭގެ އިލްމުވެރިންގެ ގުޅުމުން ކަންބޮޑުވުން ފާޅުކޮށް އިސްލާމިކް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިފި އެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ އަށް އެޑްރެސްކުރައްވާ ފޮނުވާފައިވާ ސިޓީގައި ވަނީ މި ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ރާއްޖޭގެ ރިސޯޓެއްގައި ބޭއްވި ހަފުލާއެއްގައި ވަނީ އެމީހަކު ހާސިލުކުރަން އެދޭކަންކަން ހިންމަވައިދެއްވާނެ ކަމަށް ބާތިލު ގޮތުގައި އިހްތިގާދުކޮށްގެން އެދިއުޅޭ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރާ "ވިޝްޓްރީ" އާއި "ވިޝްވެލް" އެއްގެ ކައިރީގައި އެފަދަ އަމަލުތަކެއް ބާއްވާފައި ކަމަށެވެ.

Ad
rt

ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކުން އެ ހަފުލާއަށް ހާޒިރުވެ، ފޮރިކޮޅުތަކެއްގައި ދުޢާތައް ލިޔެ، އެގަހުގައި އެތަކެތި އެލުވުން ފަދަ ކަންކަމުގައި ބައިވެރިވެފައިވާ ފޮޓޯތައް މީސްމީޑިއާ އިން ފެނިފައިވާ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

މިކަމަކީ އިސްލާމް ދީނާ ހިލާފު ކަމެއްކަން ކީރިތި ޤުރްއާނާއި ރަސޫލާގެ ހަދީޘްތަކުން އެއްވެސް ޝައްކެތް ނެތް މިންވަރަށް އެނގެން އޮތް ކަމަށާއި އެފަދަ އަމަލުތަކަކީ އެހެނިހެން ބާތިލު އަގީދާތަކުގެ ތެރެއިން ހިމެނޭ، ބާތިލު އަދި ޝިރުކު ތެރެއަށް ވަންނާނެ ބާވަތުގެ ކަމެއް ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

އިސްލާމް ދީނުގެ ހިދާޔަތް ލިބި، އެގޮތުގައި 900 އަހަރުވުމައި ގާތަށް ދިއުމަކީ ރާއްޖެއަށް، ﷲ މިންވަރު ކުރެއްވި އެންމެމަތިވެރި ނިއުމަތް ކަމަށެވެ. އަދި އިސްލާމް ދީން ނޫން އެހެން ދީނަކަށް މިގައުމުން ޖާގަ ދެވިފައި ނުވުމަކީ މިނިވަން، މުސްތަގިއްލުކަމާއެކު މިގައުމުގެ އައިޑެންޓިޓީގައި ނެގެހެއްޓޭ ހަގީގީ އަސާސް ކަމަށެވެ.

މީގެ އިތުރުން ސައްތައިން ސައްތަ މި އިސްލާމީ ފަސްގަނޑުގައި އިސްލާމް ދީނާއި ހިލާފު ކަންކަން ދޭތެރެ ދޭތެއިން ފާޅުވެފައިވާ ކަމަށް ވެސް އެ ސިޓީގައި ވެއެވެ. އެހެންނަމަވެސް އެކަންކަން ހުއްޓުވުމަށް ކަމާއިބެހޭ މަސްއޫލުވެރި ފަރާތްތަކުން މާޒީގައި ކޮށްފައިވާ މިންނެތް މަސައްކަތަކީ މާތްﷲގެ ރަހުމަތަށް ފަހު، މިގައުމުގެ އިސްލާމީ ވަހުދަތު ދެމިއޮތުމުގެ މައިގަނޑު ސަބަބުކަން އެ ސިޓީގައި ވެއެވެ.

ހަމަމިއާއެކު އެކަންކަމަށް ފަރުވާ ކުޑަކުރެވޭ ފަހަރުތަކުގައި މިގައުމުގެ އިސްތިގުލާލަށް ބުރޫއަރާފައިވާކަމީ ތާރީހުގެ ފަތްފުށްތަކުން ފެންނަން އޮތް ހަގީގަތެއް ކަމަށާއި އެއީ އެ އިރެކޭ އެއްފަދައިން މިޒަމާނުގައި ވެސް ތަކުރާރުވަމުން އަންނަ، ގޮންޖެހުން ބޮޑު، އަދި އެކަމާއިމެދު އަޅުގަނޑުމެންނާއި ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކުން ސަމާލުވެރިވެގެން ތިބެންޖެހޭ ކަމެއް ކަމުގައި ވެސް ހަނދާން އައު ކުރަން ޖެހޭ ކަމަށް ސިޓީގައި ވެއެވެ.