އދ. އޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން 49،765 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ބަނދަރު ފުން ކުރުމާއި 12،105 ކިއުބިކް މީޓަރުގެ ނެރު ފުން ކުރުމާއި ބްރޭކްވޯޓަ ޖެހުމާއި ރިވެޓްމަންޓް ޖެހުމާއި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި ސްކޯރިން އޭޕްރަން ޖެހުމާއި މޫރިން ރިންގު ހަރުކުރުމާއި ރޭމްޕު ހެދުމާއި އެކްސެސް ޕްލެޓްފޯމް އެޅުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މީގެ އިތުރުން 150 މީޓަރުގެ ދެ ކޮންކްރީޓް ޖެޓީ ހެދުމާއި ނެވިގޭޝަން ލައިޓްހަރުކުރުމާއި މަގު ބައްތި ހަރުކުރުމާއި ޕޭވްމަންޓު ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 630 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 72.3 މިލިއަން ރުފިޔާއަށެވެ.