އެމްއެންޕީގެ ސަރުކާރެއްގައި ރާއްޖޭގެ އެމްބަސީތަކުގައި ތިބޭނީ ޕްރޮފެޝަނަލް ޑިޕްލޮމޭޓުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް، އޯވަރސީސް ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
އެމްއެންޕީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ދުންޏާ ވިދާޅުވީ އެ ޕާޓީގެ ސަރުކާރެއްގައި ރާއްޖޭގެ އެމްބަސީތަކުގައި ތިބޭނީ، ރާއްޖޭގެ ދިފާއުގައި ވަކާލާތުކުރަން ކެރޭ، ވަކާލާތުކުރަން އެނގޭ އަދި ކިޔަވާ ތަމްރީނު ލިބިފައިވާ ދިވެހިން ކަމަށެވެ.
ރާއްޖެއިން ބޭރުގަ ހުންނަ ރާއްޖޭގެ އެމްބަސީތަކުގެ ހާލަތަށް ރިއާޔަތް ކުރައްވާ ދުންޔާ ވިދާޅުވީ އެ އެމްބަސީތަކުގެ ހާލަތު ވަރަށް ދަށް ކަމަށާއި ދިވެހިންނަށް ލިބެންޖެހޭ ހިދުމަތްތައް ލިބުން ވެސް ދަތި ކަމަށެވެ.
"ރާއްޖެއިން ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކަކީ އެ ގައުމުތަކުގައި ރާއްޖޭގެ މަސްލަހަތު ކުރިއެރުވުމަށް، ރާއްޖެއަށް ފައިދާ އާއި މަންފާ ހޯދުމަށް ހުންނަ ދިވެހި ދައުލަތުގެ ވަރަށް މުގައްދަސް މުވައްސަސާތަކެއް. އެކަމަކު މި ސަރުކާރުން ވަނީ އެ އެމްބަސީތަކުގެ ޑިޕްލޮމެޓިކް ހުރުމަތް ކަނޑާލާފަ. އެއީ ރައީސް ސާލިހާއި ހާރިޖީ ވަޒީރަށް ސަނާކިޔާ އެކްޓިވިސްޓުންނަށާއި އެމީހުންގެ އާއިލާތަކަށް ޚަރަދުކުރަން ހުންނަ ތަންތަނަށް މިއަދުވަނީ ބަދަލު ވެފަ." ދުންޔާ ވިދާޅުވި އެވެ.
ހާރިޖީ ދާއިރާގެ ތަޖުރިބާ އާއެކު ދުންޔާ ވިދާޅުވީ 2013 ވަނަ އަހަރާ އަޅާބަލާއިރު، އެމްބަސީތަކުގެ ހަރަދުތައް 2023 ވަނީ 185 އިންސައްތަ އިތުރުވެފައި ކަމަށެވެ.
މިއީ ފާއިތުވެދިޔަ 10 އަހަރު ތެރޭގައި އައިސްފައިވާ ބަދަލުކަން ފާހަގަ ކުރައްވާ ވިދާޅުވީ ސްރީލަންކާގައި ހުންނަ އެމްބަސީއަށް ކުރާ ހަރަދު 355 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު، ކުޑަކުދިންގެ ހިޔާގެ ބަޖެޓަކީ 9 މިލިއަން ރުފިޔާ ކަމަށާއި އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް 15 މިލިއަން ރުފިޔާ ހަރަދުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ދުންޔާ ވިދާޅުވީ އެމްބަސީތަކާއި ނުބައްދަލު މިންވަރަކަށް ހަރަދު ކުރާއިރު، އެތަންތަން ހުންނަ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ވެސް ދުވަހުން ދުވަހަށް ދަށަށް ދާ ކަމަށެވެ.
އެހެންނަމަވެސް އެމްއެންޕީގެ ސަރުކާރެއްގައި ދިވެހި އެމްބަސީތައް ވާނީ ދިވެހި ރައްޔިތުންގެ މަދަދުގާރުންނަށް ކަމަށާއި ހިދުމަތް ދިނުމުގައި ރައްޓެއްސަކަށް ނުވަތަ ބީރައްޓެއްސަކަށް ބެލުމެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!