ދިވެހި ފުލުހުންގެ ހިދުމަތުން މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއް ހިންގައި 4 މީހަކު ހައްޔަރުކޮށްފި އެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ށ. މިލަންދޫ އެ އަތޮޅު ފޯކައިދޫ އަދި ނ. ހޮޅުދޫގަ އެވެ. މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަން ތަކެކެވެ.
ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް އަދި އެތަކެތި ވިއްކާ، ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފަައިވަނީ 34 އަހަރުގެ ދިވެހިި ފިރިހެނެކެވެ. އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މި ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ހޮޅުދޫގައި، މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް އާންމުފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާއި ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެރަށު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފަ އެވެ.
ފުލުހުއްނަށް ލިބުނު މައުލޫމާތަކާއި ފޯކައިދޫގައި ހިންގި އޮޕަރޭޝަން ގައި ކޯޓު އަމުރެއްގެ ދަށުން ރަށުގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާ އެކު ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 47 އަހަރުގެ ދިވެހި ފިރިހެނަކާއި 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީގެ ތެރެއިން 47 އަހަރުގެ މީހަކީ ފޯކައިދޫ ސުކޫލްގެ ޕްރައިމަރީ ޓީޗަރެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މި ދެމީހުންގެ ބަންދަށް މިހާރުވަނީ 15 ދުވަސް ޖަހާފަ އެވެ.
މި 3 މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!