ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއަށް އެދި ހުށަހެޅުމަށް ހާއްސަ ޑިޖިޓަލް ޕޯޓަލެއް ތައާރަފްކޮށް، އެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ހުޅުވާލައިފި އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ކުރެއްވި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރު ވަނީ 5 ޖަނަވަރީ 2023 ގައި އެކުލަވާލެވިފަ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ "ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ (NDR)" ގެ ޑިޖިޓަލް ޕޯޓަލް http://ndr.nspa.gov.mv އިފްތިތާޙްކުރެވި، ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން މިއަދުން ފެށިގެން އެ ފަރާތްތަކަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމު ހުށަހަޅުއްވާނީ އެ ޕޯޓަލް މެދުވެރިކޮށް ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީކުރެވޭ ފަރާތްތަކުގެ ތެރެއިން މާލީއެހީއަށް އެދޭ ފަރާތްތަކަށް، މިހާރުވެސް އަމަލުކުރާ ފަދައިން، ދަފްތަރުގައި ރަޖިސްޓްރީވާ މަހުން ފެށިގެން އެލަވަންސް ޖަމާކޮށްދެވޭނެ ކަމަށް ވެސް ވިދާޅުވެ އެވެ.

މީގެ އިތުރުން މި ދަފްތަރު ވުޖޫދުވުމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ މިހާރު ލިބެމުންދާ އެއްވެސްފަރާތެއްގެ އެހީ މެދުކަނޑާލެވިގެންނުދާނެ ކަމަށް ވެސް އެންސްޕާ އިން ވިދާޅުވެ އެވެ. އަދި އެފަރާތްތަކުގެ މައުލޫމާތު ދަފްތަރުން ފެންނަން ހުންނާނެ ކަމަށް ވެސް ވިދާޅުވެ އެވެ.

އެބްސްޕާ އިން ވިދާޅުވީ އެފަރާތްތަކުގެ މައުލޫމާތު ދަފްތަރުގައި އަދާހަމަކުރުމަށް އިތުރަށް ބޭނުންވާ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރުމަށް އިސްކަމެއްދިނުމަށް އެދޭ ކަމަށެވެ.

މިގެނެވުނު ބަދަލާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވެލައްވާނަމަ، އެ އެޖެންސީގެ ހޮޓްލައިން 1402 (ރަސްމީބަންދުނޫން ދުވަސްދުވަހު 8:00 އިން 2:00 އަށް) ގުޅުއްވުމަށް ނުވަތަ info@nspa.gov.mv އަށް އީމެއިލް ކުރެއްވުމަށް ވަނީ އެދިލައްވާފަ އެވެ.