ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި އެވެ.

ރެހެންދި އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ.

Ad
rt

މި އެވޯޑަށް މި އަހަރު ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 3 ދާއިރާއަކަށެވެ.

އެގޮތުން، ވަކި ވަކި އަންހެނުންނަށާއި ޖަމުޢިއްޔާ/ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ދާއިރާގައި 4 ބަޔަކަށް ވަނީ ބަހާލާފައެވެ. ލީޑަޝިޕް އަދި ގަވަރނަންސް، އިޤްތިޞާދީގޮތުން ބާރުވެރިކުރުން، އިޖުތިމާޢީގޮތުން ބާރުވެރިކުރުން އަދި އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ “ނޮން-ޓްރެޑިޝަނަލް ރޯލްސް” ހިމެނެއެވެ.

މީގެ އިތުރުން ހިމެނޭ ދާއިރާއަކީ، އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގ – ވަޒީފާ ދޭ ފަރާތްތައް/ މުއައްސަސާތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ އެވެ.

މި އެވޯޑަށް ކުރިމަތިލާނެ ގޮތުގެ އިތުރު މަޢުލޫމާތު، އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު އަދި އުސޫލު އެ މިނިސްޓްރީގެ ވެބްސައިޓު www.gender.gov.mv މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓު މެދުވެރިކޮށް ލިބެން ހުންނާނެއެވެ. މި އެވޯޑަށް އެދި ނަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 13 ފެބުރުއަރީ 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00އެވެ.

ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި ރާއްޖޭގެ ޤައުމީ ތަރައްޤީއާ ލާބަޔާ މަންފާއަށް އަދި ދިވެހި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރު ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑެކެވެ.

ފާއިތުވި 9 އަހަރުގެ ތެރޭގައި 55 ފަރާތަކުން މި އެވޯޑް ހާސިލުކޮށްފައިވެއެވެ.