މިއަހަރުގެ ރިޔާސީ އިންތިހާބުގައި 600 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި 472 ވޯޓު ފޮށި ބެހެއްޓިނަމަވެސް މިއަހަރު އެ އަދަދު 600 އަށް އިތުރުވާނެ ކަމަށެވެ.

Ad
rt

އެންމެ ބޮޑު އިތުރުވުމެއް، މާލެ ސަރަހައްދުގައި ބަހައްޓާ ވޯޓު ފޮއްޓަށް އަންނައިރު، މިއަހަރު މާލޭގައި 145 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 2018 ވަނަ އަހަރު މާލޭގައި ބެހެއްޓީ 103 ވޯޓު ފޮއްތެވެ. އަދި 2018 ވަނަ އަހަރު ހުޅުމާލޭގައި 13 ވޯޓު ފޮށި އަދި ވިލިމާލޭގައި 6 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ.

އެހެންނަމަވެސް މިއަހަރު ހުޅުމާލޭގައި 47 ވޯޓު ފޮށި ބަަހައްޓާއިރު، ވިލިމާލޭގައި 10 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

މީގެ އިތުރުން ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާ އަދަދު ވެސް މިއަހަރު އިތުރުވާނެ ކަމަށާއި މިއަހަރު 50 ފޮށި ބަހައްޓާނެ ކަމަށް ވެސް ވިދާޅުވި އެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރިސޯޓްތަކުގައި ބަހައްޓާފައިވަނީ 35 ވޯޓު ފޮއްޓެވެ.

މީގެ އިތުރުން ސިޓީތަކާއި އަތޮޅުތަކުގައި ވެސް ބަހައްޓާ ވޯޓު ފޮށީގެ އަދަދު 2018 ވަނަ އަހަރާއި އަޅާބަލާއިރު، އިތުރުވާނެ ކަމަށާއި އެގޮތުން އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ސިޓީތަކާއި އަތޮޅުތަކުގެ ރަށްތަކުގައި 302 ވޯޓު ފޮށި ބެހެއްޓިނަމަވެސް މިއަހަރު 327 ފޮށި ބަހައްޓާނެ ކަމަށް ވިދާޅުވި އެވެ.

ހަމަމިއާއެކު ރާއްޖެއިން ބޭރުގައިވެސް ވޯޓު ފޮށި ބެހެއްޓޭނެ ގައުމުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ފުއާދު ވިދާޅުވީ އެކަމުގެ މަޝްވަރާތައް ފޮރިން މިނިސްޓްރީއާއެކު ކުރަމުން އަންނަކަަމަށެވެ.

ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ދިވެހި އެމްބަސީއެއް ނުވަތަ ހައިކޮމިޝަނެއް ހުރި ގައުމުތަކުގައި ކަމަށާއި އެ ގައުމުތަކުގައި ވޯޓުފޮށި ބަހައްޓާނީ 150 އަށް ވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި 5 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. އެހެންނަމަވެސް މިއަހަރު 12 ވޯޓު ފޮށި ބަހައްޓަން ޖެހޭނެކަމަށް ވަނީ އަންދާޒާ ކުރައްވާފަ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. އަދި އިތުރު ބުރަކަށް ދާން ޖެހިއްޖެނަމަ، ހަމައެމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުޞަތު 23 ޖުލައި އިން 03 އޮގަސްޓަށް ހުޅުވާލާއިރު، އޮފިޝަލުންނަށް ކުރިމަތިލުމަށް ހުޅުވާލާނީ 25 ޖުލައި އިން 13 އޮގަސްޓުގެ ނިޔަލަށެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބަށް ކަނޑައަޅާފައިވާ ޝިއާރަކީ “މަގޭ ވިސްނުން – މަގޭ ވޯޓު”އެވެ. އިންތިހާބުގައި ބޭނުންކުރާނެ ހޭޝްޓެގަކީ “ވިސްނުން23” އެވެ.