މިއަހަރު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިޚާބު ބާއްވާ ތާރީހު އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފި އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ވިދާޅުވީ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
" މަގޭ ވިސްނުން، މަގޭ ވޯޓު" މި ޝިއާރުގެ ދަށުން މިއަހަރުގެ ރިޔާސީ އިންތިހާބު ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އެންމެކަންބޮޑުވާ ކަމަކީ އެ މަސައްކަތްކުރާނެ ރަސްމީ މަރުކަޒެއް ނެތުން ކަމަށް ވެސް އީސީ އިން ވިދާޅުވި އެވެ.
"ކުރިން އަޅުގަނޑުމެން އެ މަސައްކަތްކުރަމުން ގެންދިޔައީ ބާ ޖަމާލުއްދީނުގަ. އެކަމަކު މިހާރު އެތަން މިހާރު އެވަނީ އެހެން ކަމަކަށް ނަގާފަ. ދެން މިވަގުތު މަސައްކަތް ކުރަމުން މިދަނީ ސީދާ އިލެކްޝަންސް ކޮމިޝަންގަ. މިއީ ވަރަށް ދަތިކަމެއް." އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބުގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރުމަށް ދިވެހިރާއްޖޭގެ އަޑުގެ ބައު އިމާރާތް ދެއްވާނެކަމަށް ސަރުކާރުން ވިދާޅުވެފައިވާ ކަމަށާއި އުުއްމީދު ކުރަނީ މި މަހުގެ ތެރޭގައި އެތަނަށް ވަދެވޭނެ ކަމަށެވެ. އަދި އެތަނަކީ ބައު އިމާރާތެއް ކަމަށްވާތީ، މަރާމާތު ވެސް ކުރަން ޖެހޭނެ ކަމަށެވެ.
އެހެންވެ، މި މަހުގެ ތެރޭގައި އެތަން ލިބި، މަރާމާތަށް ފަހު، އަންނަމަހުގެ ތެރޭގައި އެތަނަށް ނުވަދެވިއްޖެނަމަ، މިހާރު ކަނޑައަޅާފައިވާ ތާރީހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކޮންމެ ސަރަުކާރަކުން ވެސް ރިޔާސީ އިންތިހާބުގެ ކަންކަން ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ވަަރށްފުރިހަމަ އެއްބާރުލުމެއް ދެއްވާ ކަމަށާއި މި ސަރުކާރުން ވެސް އެކަން އެގޮތަށް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!