އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި ޑާބީ މެޗުގައި ފަހަތުން އަރައި ސިޓީ ބަލިކޮށް ޔުނައިޓެޑުން ބަދަލު ހިފައިފިއެވެ.
މިރޭ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މެޗުގައި ޔުނައިޓެޑުން ސިޓީގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.
ޕްރިމިއާ ލީގުގައި މި ދެ ޓީމް މިދިޔަ އޮކްޓޯބަރ މަހު ސިޓީގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ވަނީ 6-3 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. މިރޭގެ މެޗުގައި ސިޓީން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑުޖަހައި ޔުނައިޓެޑުން ވަނީ ސިޓީ ބަލިކޮށް ބަދަލު ހިފާފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފޯވާޑް ރަޝްފޯޑަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުޞަތެއް ލިބުނު ނަމަވެސް އޭނާއަށް އެ ދެ ފުރުޞަތުގެ ބޭނުން ހިފިފައި ނުވެއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ފުރަތަމަ ލަނޑު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 60 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ސިޓީގެ ޕްލޭމޭކަރ ކެވިން ޑިބްރޭނާ ޔުނައިޓެޑްގެ އޭރިއާތެރެއިން ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގްރީލިޝް ކާމިޔާބު ކޮށްދިން ލަނޑެކެވެ. ގްރީލިޝް ކުޅެން ނުކުމެފައި ވަނީ ވެސް ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ލަނޑުޖަހައި ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ބްރޫނޯ ފެނާންޑޭޒްއެވެ. ކަސެމީރޯ މެދުތެރެއިން އޮފްސައިޑް މަގާމުގައި ހުރި ރަޝްފޯޑަށް ކުޅުނު ބޯޅަ ރަޝްފޯޑް ނުކުޅެ ދޫކޮށްލުމުން ފެނާންޑޭޒް ވަނީ ފަހަތުން އަރައި އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އެ ލަނޑު ޖެހުމާއިއެކު ލައިންސްމަން ވަނީ އޮފްސައިޑަށް ދިދަ ނަގާފައެވެ. ނަމަވެސް އިތުރަށް ބެލުމަށް ފަހު ރެފްރީ ވަނީ އެއީ ރަނގަޅު ލަނޑެއްކަމަށް ނިންމާފައެވެ.
މެޗުން ޔުނައިޓެޑް މޮޅުކޮށްދީފައި ވަނީ 82 ވަނަ މިނެޓުގައި ގަނާޗޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ރަޝްފޯޑް ކާމިޔާބު ކުރި ލަނޑުންނެވެ. ރަނގަޅު ފޯމެއްގައި މިވަގުތު ހުރި ރަޝްފޯޑް އެންމެ ފަހުން ޔުނައިޓެޑް ކުޅުނު ހަތް މެޗުގައި ވެސް ވަނީ ލަނޑު ޖަހާފައެވެ.
ފަހަކަށް އައިސް ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުން އަންނައިރު، އެ ޓީމުން އެންމެ ފަހުން ކުޅުނު 19 މެޗުގެ ތެރެއިން ބަލިވެފައި ވަނީ ވެސް އެންމެ މެޗަކުންނެވެ.
މި މޮޅާއިއެކު ޔުނައިޓެޑް ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އެ ޓީމަށް ލިބިފައި ވަނީ 18 މެޗުން 38 ޕޮއިންޓެވެ. ދެވަނާގައި ސިޓީ އޮތީ 18 މެޗުން ލިބުނު 39 ޕޮއިންޓާއި އެކުގައެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ އާސެނަލްއެވެ. އެ ޓީމަށް 17 މެޗުން ވަނީ 44 ޕޮއިންޓް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!