އައިވީއެފް ފަންޑްގެ ދަށުން އިތުރު ދެ ފަރާތަކަށް އިންޑިއާގެ އެސްޓާރ މެޑްސިޓީ ހޮސްޕިޓަލުން އައިވީއެފް ހެދުމުގެ ފުރުސަތު ދިނުމަށް ނިންމައި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އާއި އެސްޓާ މެޑްސިޓީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

Ad
rt

އެސްޓާރ މެޑްސިޓީ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ ފަރްހާން ޔާސިރް އެވެ. އަދި އެ ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ ރީމާ ހުސެއިން އެވެ.

އައިވީއެފް ފަންޑަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މިއަހަރުގެ ޖޫންމަހާއި ހަމައަށެވެ.

އައިވީއެފް ފަންޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅާވެލިފައިވަނީ އުމުރުން 25 އަހަރު ފުރިފައިވާ އަދި މަދުވެގެން ދެ އަހަރުވަންދެން ކައިވެނިކޮށްގެން އުޅޭ ދިވެހި ދެމަފިރިންނަށެވެ. އަދި 25 އަހަރު ނުފުރޭނަމަ ހާއްސަ ހާލަތްތަކެއްގެ ދަށުން ސިއްހީ ކަންކަމަށް ބަލައި އެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.

އައިވީއެފް ފަންޑަކީ، މާލީ ދަތިތަކާއި ހެދި އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ގެ ޓްރީޓްމަންޓް ހެދުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް ހާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި އެ ޖަމިއްޔާއިން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވާލި ފަންޑެކެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ހާމަކުރެއްވި ގޮތުގައި، މި ފަންޑްގެ އެހީގައި ކޮންމެ އަހަރަކުވެސް ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުސަތު އިން ލިބިގެންދާއިރު، މިހާތަނަށް ލިބިފައިވާ އެހީތަކާއިއެކު ޖުމްލަ 5 ދެމަފިރިއަކަށް މިއަހަރު މި ފުރުސަތު ދެވޭނެ އެވެ.

އެޕްލިކޭޝަން ފީގެ ގޮތުގައި 200 ރުފިޔާ ނަގާއިރު, ގުރުއަތުން ހޮވޭ ފަރާތަކަށް ފަންޑް އެވޯޑްކުރުމުގެ ކުރިން ރެކޯޑު ސާފުކުރެވިގެންދާނެ ކަމަށްވެސް ޖަމިއްޔާއިން ބުނެއެވެ.