އިންޑިއާގައި ތަމްރީނު ހަދަންދާ ދިވެހި އެތްލީޓުންނާ އިންޑިއާގެ ސަފީރު ބައްދަލުކުރައްވައިފި އެވެ.

"ޓީމް މޯލްޑިވްސް ފޯ އިންޑިއާ އެތުލެޓިކްސް ޓްރެއިނިންގ ކޭމްޕް 2023" އަށް ފުރުމުގެ ކުރިން މި ބައްދަލުވުން ބާއްވާފައިވަނީ މާލޭގެ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކް ދަނޑުގަ އެވެ.

Ad
rt

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފު އާއި އިންޑިޔާގެ ހައިކޮމިޝަނަރ މުނޫ މަހާވާރާއި، ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހްމަދު ސަލީމާއި، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އަޙްމަދު އަޒީލް އެވެ.

މި ހަރަކާތުގައި ރާއްޖޭގެ ފިރިހެން އަދި އަންހެން އެތުލެޓިކްސް ޓީމާއި ކުޅިވަރަށް ޝައުގުވެރިވާ ފަރާތްތައް ބައިވެރިވި އެވެ.

މަހްލޫފު ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފަ އެވެ. ހާއްސަކޮށް އިންޑިއާއިން ފޯރުކޮށްދީފައިވާ 40 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓްއިން ރާއްޖޭގެ ހުރިހާ ހިސާބެއްގަައި ކުޅިވަރުގެ ދާއިރާގެ އުމްރާނީތަރައްގީ އަށް ބޮޑު ބަދަލެއް ގެނެވިފައިވާކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

އިންޑިއާގެ ސަފީރު ވިދާޅުވީ މި ކޭމްޕަކީ ޒަމާނުއްސުރެ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ރަހުމަތްތެރިކަމާއި، ކުޅިވަރުގެ ދާއިރާއިން ގުޅުންބަދަހިވަމުންދާކަމުގެ ފުރިހަމަ މިސާލެއް ކަމަށެވެ. އަދި މި ކޭމްޕުގެ ކަސްޓަމައިޒްޑް ޓްރެއިނިންގ މޮޑިއުލްތަކުގެ ސަބަބުން އެތުލީޓުންގެ ހުނަރުތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި އެހެނިހެން ގައުމީ އަދި ބައިނަލްއަގްވާމީ އެކި އެކި އިވެންޓްތަކުން ކާމިޔާބު ނަތީޖާތަކެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ހިންގާ ކޭމްޕަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެއެދުމުގެ މަތިން އިންތިޒާމުކުރެވިފައިވާ ކޭމްޕެކެވެ.

މިއީ 2017 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ސްޕޯޓްސް އޮތޯރިޓީގެ ފެސިލިޓީތަކުގައި ހިންގޭ 5 ވަނަ ޓްރެއިނިންގ ކޭމްޕެވެ. އެންމެފަހުން މިފަދަ ކޭމްޕެއް ހިންގިފައިވަނީ 2019ވަނަ އަހަރު އެވެ. އެފަހަރު ދިވެހި ޓީމުން ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތް އޭޝިއަން ގޭމްސްގައި ގަދަ ތިނެއްގައި ވަނަތައް ހޯދާފަ އެވެ.

10 އެތްލީޓުންނާއި 3 ކޯޗް އިންޑިއާއަށް ދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ބެންގަލޫރުގައި ހުރި ނެތާޖި ސުބާޝް ސްޕޯޓްސް އޮތޯރިޓީ ގައެވެ.

މިއީ އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތް އެފެއަރސް އެންޑް ސްޕޯޓްސްގެ ދަށުން ހިންގާ މަރުކަޒެކެވެ.