އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާއި ނަޕޯލީ ބައްދަލުކުރި މެޗު ތަފާތު ބޮޑުކޮށް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ނަޕޯލީން 10 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރޭ ނަޕޯލީގެ ޑިއެގޯ އާމަންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ނަޕޯލީން ޔުވެންޓަސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

Ad
rt

މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނަޕޯލީން ލީގުގައި މިހާތަނަށް 18 މެޗު ކުޅެފައިވާއިރު، އެ ޓީމް ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެ ޓީމް ބަލިވެފައި ވަނީ މި މަހު ފަސްވަނަ ދުވަހުގެ ރޭ އިންޓަ މިލާން އަތުންނެވެ.

އެންމެ ފަހުން ނަޕޯލީއަށް ލީގު ކާމިޔާބު ކުރެވިފައި ވަނީ 1990 ވަނަ އަހަރުއެވެ. އޭގެ ފަހުން ފާއިތުވި 33 އަހަރެއްހާ ދުވަހު އެ ޓީމަށް ލީގުގެ ޗެމްޕިއަންކަން ހޯދިފައި ނުވެއެވެ.

މި ސީޒަންގައި ނަޕޯލީން ދައްކަމުން އަންނަ މޮޅު ކުޅުން އެ ޓީމުން ވަނީ ރޭގެ މެޗުގައި ވެސް ތަކުރާރު ކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު 14 ވަނަ މިނެޓުގައި ވިކްޓަ އޮސީމެން ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު 39 ވަނަ މިނެޓުގައި އޮސީމެން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކްވަރަޓްސްހޭލިއާއެވެ.

މެޗުގައި ޔުވެންޓަސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 42 ވަނަ މިނެޓުގައި މިލިކް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެންހޭލް ޑިމަރިއާއެވެ.

މެޗުގެ ދެވަނަ ހާފުގައި ނަޕޯލީން އިތުރު ތިން ލަނޑު ވަނީ ޖަހާފައެވެ. އެ ޓީމްގެ ތިންވަނަ ލަނޑު 55 ވަނަ މިނެޓުގައި އާމިރް ރަހްމާނީ ކާމިޔާބު ކޮށްދިންއިރު، ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ފުރަތަމަ ލަނޑު ޖަހައި ދެވަނަ ލަނޑު ޖަހަން އެސިސްޓް ކޮށްދިން ނައިޖީރިއާގެ ފޯވާޑް އޮސީމެންއެވެ. އޭނާ ވަނީ ލީގުގައި މިހާތަނަށް 12 ލަނޑު ޖަހާފައެވެ.

ނަޕޯލީގެ ފަސްވަނަ ލަނޑު 72 ވަނަ މިނެޓުގައި ލޮރެންޒޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެލްމާސްއެވެ.

މި މެޗުން ތަފާތު ބޮޑުކޮށް ޔުވެންޓަސް ބަލިވެފައިވާއިރު، މިއީ 1993 ވަނަ އަހަރަށް ފަހު ލީގު މެޗެއްގައި ޔުވެންޓަސްގެ ކޮޅަށް ފަސް ލަނޑު ވަތް ފުރަތަމަ ފަހަރެވެ. މި މެޗުން ޔުވެންޓަސް ބަލިވެފައި މި ވަނީ ލީގުގައި އެ ޓީމް އެންމެ ފަހުން ކުޅުނު 8 މެޗުން ބައިކޮޅަށް ލަނޑެއް ވައްދައި ނުލާ ކާމިޔާބު ކުރުމަށް ފަހުއެވެ.

މި ނަތީޖާއާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ނަޕޯލީ އޮތީ 18 މެޗުން ލިބުނު 47 ޕޮއިންޓާއި އެކުގައެވެ. މެޗުން ބަލިވި ޔުވެންޓަސް އޮތީ ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް 18 މެޗުން ލިބިފައި ވަނީ 37 ޕޮއިންޓެވެ. ދެވަނާގައި އޮތް އޭސީ މިލާނަށް ވެސް 17 މެޗުން ވަނީ 37 ޕޮއިންޓް ލިބިފައެވެ.