އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ފުލަމް ބައްދަލުކުރި މެޗުގައި ފުލަމް ކާމިޔާބު ކޮށްފިއެވެ.

ފުލަމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޗެލްސީގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.

Ad
rt

އެތުލެޓިކޯ ދޫކޮށް ހަ މަސް ދުވަހުގެ ލޯނަކަށް ޗެލްސީން ގެނައި، ފެލިކްސް އަށް ރޭގެ މެޗުގެ 58 ވަނަ މިނެޓުގައި ވަނީ ރަތްކާޑު ދައްކާފައެވެ. އޭނާއަށް ރަތްކާޑު ދައްކާފައި ވަނީ ފުލަމް ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދުމަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ. މި ރަތްކާޑާއިއެކު ފެލިކްސް ވެފައިވަނީ ޗެލްސީ އަށް ކުޅުނު ފުރަތަމަ މެޗުގައި ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ޗެލްސީގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް މިވަގުތު އަނިޔާގައި ތިބިއިރު، ފެލިކްސްއަށް ދެއްކި މި ރަތްކާޑާއި ގުޅިގެން ތިން މެޗުގެ ސަސްޕެންޝަނަކާއި ކުރިމަތިލާން ޖެހުމަކީ އާދަޔާ ޚިލާފަށް ފޯމު ދައްވެފައިވާ ޗެލްސީއަށް ކުރިމަތިވާނެ ބޮޑު މައްސަލައަކަށް ވާނެއެވެ. ޗެލްސީ ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އެ ޓީމް މޮޅުވެފައި ވަނީ ވެސް އެންމެ މެޗަކުންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ފުލަމުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ކުރިން ޗެލްސީއަށް ކުޅުނު ވިލިއަމްއެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓްތެރޭ ޗެލްސީން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔަބު ކޮށްދީފައި ވަނީ ކުލިބާލީއެވެ.

މެޗުން ފުލަމް މޮޅުކޮށްދީފައި ވަނީ 73 ވަނަ މިނެޓުގައި ޕެރޭރާ ޗެލްސީގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ވިނީސިއަސް ކާމިޔާބު ކުރި ލަނޑުންނެވެ.

މި ނަތީޖާއާއިއެކު މިވަގުތު ޗެލްސީ އޮތީ ކުޅުނު 18 މެޗުން ލިބުނު 25 ޕޮއިންޓާއިއެކު ތާވަލުގެ 10 ވަނާގައެވެ. ރޭ މޮޅުވި ފުލަމް މިވަގުތު އޮތީ ތާވަލުގެ 6 ވަނާގައެވެ. އެ ޓީމަށް 19 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ.