ޗައިނާއަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް މަޝްވަރާ ކޮށްފި އެވެ.
މި މަޝްވަރާކޮށްފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުން، ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ ވަންގް ލިކްސިން އަދި ތާޑް ސެކްރިޓަރީ ޒަންގް ފެންގް އާއެކު ބޭއްވވި ބައްދަލު ކުރެއްވުމުގަ އެވެ.
މިއީ ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް އެމްއެމްސީ އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ބައްދަލު ކުރެއްވުމެކެވެ.
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމަށާއި މި ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލަރޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
ޗައިނާގެ ސަފީރު ވަންގް ލިކްސިން ގެ ވަނީ މީޑިއާ އަކީ ރަހުމަތްތެރި ކަމާއެކު މުއާމަލާތްކުރުމަށާއި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް މުހިންމު ބްރިޖެއް އަދާކުރާ ބައެއްކަމުގައި ސިފަކުރައްވާފަ އެވެ. އަދި މީޑިއާ އެކްސްޗޭންޖްކުރުމާއި އެއްބާރުލުން ދިނުމަކީ ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް މުހިންމު ބައެއް ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މައުލޫމާތު ފެތުރުމާއި، ޝައްކުތައް ކުޑަކޮށް، ދެ ގައުމުގެ މެދުގައި ވިސްނުން އިތުރުކޮށް، އެކުވެރިކަން ބަދަހިކޮށް، ސަގާފީ މުއާމަލާތްތައް ކުރިއެރުވުމުގައި މުހިއްމު ދައުރެއް މީޑިއާއިން އަދާކުރާކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ މީޑިއާ ކައުންސިލާއި ޗައިނާގެ މީޑިއާ ރެގިއުލޭޓަރީ ބޮޑީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށް ގުޅުން ބަދަހިކޮށްދެއްވާ، މިދާއިރާއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި މަޝްވަރާތަކުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލުގެ ރައީސް އަޙްމަދު މުޞްޠަފާ، މެންބަރު މޫސާ ރަޝީދު، މެންބަރު އަލްއުސްތާޛާ އަރުމާން ރަޝީދު، މެންބަރު މުޙައްމަދު އަފްރާހް އަދި މެންބަރު ޢަލީ ނިޝާން އެވެ.
ޗައިނާ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ އޮނަރަބަލް ވަންގް ލިކްސިން އަދި ތާޑް ސެކްރިޓަރީ ޒަންގް ފެންގް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!