އަރުތަ ޕްރޮގްރާމްގެ އެތުލީޓުންގެ ލިސްޓުގައި ރަސްމީކޮށް ޓީޓީ ތަރި ފާތިމަތު ދީމާ އަލީ ގެ ނަން ހިމަނައިފި އެވެ.

މިއީ ކުޅިވަރުތަކަށް ޒުވާން ކުޅުންތެރިން ތަމުރީނުކޮށް ކުރިއެރުވުމުގެ މަގުސަދުގައި ޔޫތު މިނިސްޓްރީން ފެށި ޕްރޮގްރާމެކެވެ.

Ad
rt

ދީމާގެ ނަން އެ ލިސްޓުގައި ހިމެނާފައިވާކަން ހާމަކުރައްވާ ކުޅިވަރާއިބެހޭ ވަޒީރު އަހްމަދު މަހްލޫފު ވަނީ ޓްވީޓެެއް ކުރައްވާފަ އެވެ.

އެ ޓްވީޓުގައި ވިދާޅުވީ އަރުތަ ޕްރޮގްރާމްގެ އެތުލީޓުންގެ ލިސްޓުގައި ރަސްމީކޮށް ޓީޓީ ތަރި ދީމާވެސް މިވަނީ ހިމެނިފައިވާ ކަމަށެވެ. އަދި ރާއްޖޭއިން ބޭރުގައި ހަދާ ތަމްރީންތަކަށް ބޭނުންވާ އިތުރު ކަންކަން އަދި މުބާރާތްތަކަށް ދިއުމަށް އެހީތެރިކަން ދިނުމަށް 10 އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގައި ޕްރޮފެޝަނަލް ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އެތުލީޓުންނަށް ބޭނުންވާ އިލްމާއި ހުނަރާއި އަހުލާގު ދަސްކޮށްދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފެސިލިޓީތަކުގައި މަތީ ފެންވަރުގެ ކޯޗުންނާއެކު ތަމްރީނުވުމުގެ ފުރުސަތު ވެސް ފޯރުކޮށްދެ އެވެ.

ޔޫތް މިނިސްޓްރީން ވިދާޅުވެފައިވަނީ ރާއްޖޭގައި ތިބެގެން ތަމްރީނު ހޯދުމުގެ ފުރުސަތު ވެސް މި ޕްރޮގްރާމުގެ ދަށުން ފަހިކުރެވޭނެ ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ޒުވާން ފެތުންތެރިޔާ އީން އައްބާސް ޝަރީފާއި ރާއްޖޭގެ ގައުމީ ބީޗްވޮލީ ޕެއާރ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ވެސް ވަނީ އެ ލިސްޓުގައި ހިމަނާފަ އެވެ.

މީގެ އިތުރުން ބާރު ދުވުންތެރިޔާ އިބާދުﷲ އާދަމް އާއި އުމުރުން 14 އަހަރުގެ ޓެނިސް ކުޅުންތެރިޔާ އާރާ އާސާލް އާޒިމް ވެސް ވަނީ އެ ލިސްޓުގައި ހިމަނާފައި ވެއެވެ.

އަރުތަ ޕްރޮގްރާމް ލޯންޗުކުރުމުގެ ކުރިން ވެސް ސަރުކާރުގެ އެހީގައި ބައެއް ކުޅިވަރުތަކުގެ އެތުލީޓުން އައީ ރާއްޖެއިން ބޭރުގައި ތަމްރީން ހަދަމުން ނެވެ.