ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ގަވާއިދަށް ސަމާލުވުމަށް އެޗްޑީސީން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ ހިޔާ ފްލެޓުތަކުން ތިރިއަށް އެއްޗެހި އުކާ ކަމުގެ ޝަކުވާ އެކުންފުންޏަށް ލިބޭ ކަމަށެވެ. މި ކަންކަމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކަށާއި ދިރިއުޅޭ މީހުންނަށް ގެއްލުން ލިބެމުން އަންނަ ކަންވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

Ad
rt

އެ ކުންފުނިން ބުނީ ހިޔާ ފްލެޓުތަކުގެ އުސޫލެއް ހަދާފައި އޮންނަ ކަމަށާއި އެ އުސޫލާއި މަސައްކަތް ކުރުމުގެ ގަވާއިދާ ހިލާފަށް ގަސް ޕޮޓުތައް ފަދަ ތަކެތި އިމާރާތުގެ ބޭރަށްވާގޮތަށް ބަހައްޓާފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ތަކުރާރުކޮށް އެ ފަރާތްތަކަށް އެކަން އިސްލާހު ކުރަން އަންގާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ހިޔާ ސަރަހައްދަކީ ވައިގަދަ ސަރަހައްދަކަށްވުމުން އެ ގަވާއިދުތަކަށް އަމަލު ނުކުރުމުގެ ސަބަބުން އާއްމުންނަށް ގެއްލުންތަކާ ކުރިމަތިވެދާނެ ކަމަށާއި އެހެންވެ ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ފްލެޓުތަކުން ތަކެތި ވެއްޓި ހިޔާ ސަރަހައްދުގައި ޕާކު ކޮށްފައި ހުންނަ ބައެއް އުޅަނދުތަކަށް މީގެ ކުރިންވެސް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ.