މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ރިޔާޒް، އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ރިޔާޒު އިސްތިއުފާ ދެއްވައި، ރައީސް ސާލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ މިހާރު ހުންނެވި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ރިޔާސީ ރޭހުގައި ވާދަކުރައްވާ، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެޔާޑް މުހައްމަދު ނާޒިމްގެ ރިޔާސީ ކެމްޕެއިންގައި އަމަލީގޮތުން ބައިވެރިވެ، އެ ކެމްޕެއިނަށް ވަގުތު ދިނުމުގެ ގޮތުން ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން 2018 ވަނަ އަހަރުން ފެށިގެން މި ސަރުކާރުގައި ރައްޔިތުންނަށް ހިދުމަތްކުރައްވާ ފުރުސަތު ދެއްވިކަމަށްޓަކައި ރައީސަށް ވަނީ ޝުކުރު ދަންނަވާފައެވެ.

ރައީސް ޞާލީހް ރިޔާޒު ފުރަތަމަ އައްޔަނު ކުރެއްވީ ވެރިކަންކުރާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. އޭނާ ފަހުން ވަނީ އެމްއެންޕީ އުފެދުމުން އެ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. އޭނާ ވަނީ ކުރިން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުކަން ވެސް ކުރައްވާފައެވެ. ފަހުން އެމްއެންޕީއާއި ގުޅިވަޑައިގެން އޭނާ ގެންދަވަނީ އެ ޕާޓީގެ ކައުންސިލް މެންބަރެއްގެ މަގާމު ފުރުއްވަމުންނެވެ.

އެޑިޔުކޭޝަންގެ ސްޓޭޓް ވަޒީރަކަށް ހުންނެވި ރިޔާޒު ޓްރާންސްޕޯޓަށް ބަދަލުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25ގައެވެ.

ރިޔާޒަކީ އެމްއެންޕީގެ ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒްގެ ބޭބެ އެވެ.