ޕާކިސްތާނަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) އާއި ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީ އާއެކު މަޝްވަރާ ކޮށްފި އެވެ.
މި މަޝްވަރާ ކުރައްވާފައި ވަނީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒް އާއެކު ރާއްޖޭގެ މީޑިއާ ކައުންސިލުން މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
މާލޭގައި ހުންނަ އެގައުމުގެ ހައިކޮމިޝަން އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގައި ތަޢުލީމީ ހިދުމަތްދޭ މުއައްސަސާތަށް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުޞަތުތަކެއް ހޯދައި ދިނުމަށް ވަނީ މަޝްވަރާ ކޮށްފަ އެވެ.
ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް އެމްއެމްސީ އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި މި ބައްދަލުވުމުގައި ދިވެހި ނޫސްވެރިން އެގައުމަށް ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، އެގައުމުގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމަށް ވެސް މަޝްވަރާ ކުރެވުނުކަމަށް މީޑިއާ ކައުންސިލުން ހާމަކުރަށްވައެވެ.
މީގެ އިތުރުން މި ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި ކުރު އަދި ދިގު މުއްދަތުގެ ސްކޮލަރޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނުކަމަށް އެ ކައުންސިލުން ވަނީ ހާމަކުރަށްވާފައެވެ.
''މިބައްދަލު ކުރެއްވުމުގައި އެމްބަސެޑަރ ވައިސް އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒް ގިލާނީ ވަނީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި'' މީޑިއާ ކައުންސިލުން ވިދާޅުވެފައެވެ.
ހަމަމިއާއެކު އެމްއެމްސީ އާއި އެގައުމުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ މިނިސްޓްރީ އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށް ގުޅުން ބަދަހިކޮށްދެއްވާ، މިދާއިރާއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!