ބަދަލު ހިފުމުގެ ގޮތުން އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލިކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިދިކޮޅު އެކްޓިވިސްޓް، އައްބާސް އާދިލް ރިޒާގެ ބަންދަށް އަނެއްކާ ވެސް 7 ދުވަސް ޖަހައިފި އެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި މިވަނީ މި ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ޖަހާފައިވާ 7 ދުވަހުގެ މުއްދަތު ހަމަވުމުން، އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ނެވެ.

Ad
rt

އޭނާގެ ނަމުގައި ހިންގަމުން އަންނަ ޓްވިޓަރ އެކައުންޓަކުން، ކުރި ޓްވީޓެއްގެ މައްސަލައެއް ފެންމަތިވެފައި ވަނިކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

އައްބާސްގެ ޓްވީޓްގައި ބުނެފައި ވަނީ ''ފެބުރުއަރީ 8 ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހީ. އެކަމުގެ ބަދަލު އަދި އޮތީ ނުހިފި. އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ'' މިހެންނެވެ.

އައްބާސްގެ މި ޓްވީޓްގެ ސަބަބުން އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރުލިބޭ ކަމަށް ބުނެ އެކަން ވަނީ ބައެއް ފަރާތްތަކުން ކުށްވެރިކޮށްފައެވެ. އޭގެ ތެރޭގައި ސަރުކާރާއި، ބައެއް ވަޒީރުން ނާއި އަދި އެމްޑީޕީ ހިމެނެއެވެ.

އައްބާސް ހައްޔަރު ކުރުން އިދިކޮޅުން ސިފަކޮށްފައިވަނީ އެކަމަކީ އޭނާ ފްރޭމް ކުރުމުގެ ޢަމަލެއްގެ ގޮތުގައި ކަމަށެވެ. މިގޮތުން ހުޅުމާލެ ދާއިރާ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެފައި ވަނީ، އިންޑިޔާ ރުއްސަން އައްބާސް އާދިލް ރިޒާ ފްރޭމް ކޮށްފައިވާ ކަމަށެވެ.

އައްބާސް އާދިލް ރިޒާ އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ކަސްޓަމްސްގެ ކޮމިޝަނަރުކަމާއި މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޓްރޭޑް ރިޕްރަޒެންޓޭޓިވްގެ މަގާމު އަދާކުރައްވާފައިވާ ފަރާތެކެވެ.