އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ބުރުގައި އެވަޓަންއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.
ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ލަނޑުޖަހައި ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި އެ ޓީމްގެ ފޯވާޑް ރަޝްފޯޑް އެވަޓަންގެ އޭރިއާތެރެއަށް ވަދެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ޓެކުލް ކުރުމަށް ފަހު ގޯލުގެ ތެރެއަށް ވައްދާލައި މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެންތަނީއެވެ.
ނަމަވެސް މެޗުގެ 14 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ކީޕަރ ޑެހެއާއަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެވަޓަންގެ ޑިފެންޑަރ ކޯނޯ ކޯޑީ ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުގައި ދެވަނަ ފަހަރަށް ޔުނައިޓެޑަށް ލީޑު ލިބިފައި ވަނީ 52 ވަނަ މިނެޓުގައި އެވަޓަންގެ ޑިފެންޑަރ ކޯނޯ ކޯޑީ އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. ކޯޑީ އަތުން މި ލަނޑު ބައިކޮޅަށް ވަދެފައި ވަނީ އެވަޓަންގެ ގޯލުގެ ކުރިމައްޗަށް ރަޝްފޯޑް ހުރަސްކުރި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ.
މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަނަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ވެސް ރަޝްފޯޑެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ރަޝްފޯޑް ވަނީ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް ލަނޑު ޖަހާފައެވެ.
މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން 10 މެޗު ވަނީ ކާމިޔާބު ކޮށްފައެވެ.
ޔުނައިޓެޑް ދެން އެންމެ އަވަހަށް ނުކުންނާނީ މި ހަފްތާ އަންގާރަ ދުވަހުގެ ރޭ އިނގިރޭސި ކަރަބޯ ކަޕް ކުއާޓާ ފައިނަލުގައި ޗާލްޓަން އެތުލެޓިކާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!