ޑިޖިޓަލްކޮށް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާ ދެއްކޭ ހިދުމަތްތައް ބޭނުންކުރާ ނިސްބަތް، ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ މަތީގައި އުޅެނީ ރާއްޖޭގައި ކަަމަށް ވޯލްޑް ބޭންކުން ކޮށްފައިވާ ސާވޭ "ފައިނޭންޝަލް އިންކްލޫޝަން އިން މޯލްޑިވްސް 2018" އިން ދައްކައިފިއެވެ.

މި ސާވޭއިން ދެއްކިގޮތުގައި ދިވެހިންގެ ތެރެއިން 68 ޕަސެންޓް މީހުންނަކީ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރާ މީހުންނެވެ. މިއީ ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ސާވޭއިން ވަނީ ދައްކާފައެވެ.

Ad
rt

ޑިޖިޓަލް ޕޭމަންޓްގެ ގޮތުގައި ސާވޭގައި ބަލާފައި ވަނީ، ފޯނު ބޭނުންކޮށްގެން ތަކެއްޗަށް ނުވަތަ ހިދުމަތްތަކަށް ފައިސާ ދެއްކުން، ދައުލަތުގެ އިދާރާތަކަށް ދައްކަންޖެހޭ ފީތައް އޮންލައިންކޮށް ދެއްކުން، އިންޓަނެޓް މެދުވެރިކޮށް މުސާރަ ޖަމާކުރުން އަދި ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ކުރުން ފަދަ ކަންކަމަށެވެ.

އޮންލައިންކޮށް މުސާރަ ޖަމާކުރުމުގައި ވެސް ރާއްޖެ އުޅެނީ ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވަރަށް ކުރީގަ އެވެ. އެގޮތުން، ދައުލަތުގެ ވަޒީފާތަކުގައި އުޅޭ ފަރާތްތަކުގެ ތެރެއިން 93 ޕަސެންޓް އަދި އަމިއްލަ ފަރާތްތަކުގެ ތެރެއިން 73 ޕަސެންޓަކީ އޮންލައިންކޮށް މުސާރަ ޖަމާވާ މީހުން ކަމަށް މި ސާވޭ އިން ދައްކާފައިވެ އެވެ.

ބީއެމްއެލް އިން ވަނީ ވަރަށް ފަހުން ކާޑާއި އޮންލައިންކޮށް ކަސްޓަމަރުން ކުރާ މުއާމަލާތްތައް، ސްމާޓްފޯން ބޭނުންކޮށްގެން ވިޔަފާރިތަކަށް ފަސޭހަކަމާ އެކު ފައިސާ ބަލައިގަނެވޭ މޯބައިލް ޕޮއިންޓް އޮފް ސޭލް (އެމްޕޮސް)ގެ ހިދުމަތާއި މާޗަންޓް ޕޯޓަލްގެ ހިދުމަތް ތައާރަފްކޮށްފަ އެވެ.

ރާއްޖޭގެ މައި ބޭންކް ކަމަށްވާ ބީއެމްއެލްގެ ޕީއޯއެސް ނެޓްވޯކް މެދުވެރިކޮށް ކާޑާއި ޑިޖިޓަލް ވޮލެޓް ހިމެނޭ ގޮތަށް ހުރިހާ ކޮންޓެކްޓްލެސް ޕޭމަންޓްތައް ވެސް ބަލައިގަނެވޭނެ އެވެ. ރާއްޖެ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް އަލި ޕޭ، ގޫގުލް ޕޭ، އަދި އެޕަލް ޕޭ އިން ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.

މީގެ އިތުރުން، މިހާރު ދިރާގާއި އުރީދޫ އިން ވެސް ވަނީ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ތައާރަފްކޮށްފަ އެވެ.