އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ޗެލްސީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް އާސެނަލްއާއި ސިޓީއާއި ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ރޭ ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

Ad
rt

މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލް އޮތީ ކުޅުނު 17 މެޗުން ލިބުނު 44 ޕޮއިންޓާއި އެކުގައެވެ. ސިޓީ ދެވަނާގައި އޮތީ 17 މެޗުން ލިބުނު 39 ޕޮއިންޓާއި އެކުގައެވެ. މެޗުން ބަލިވި ޗެލްސީ މިވަގުތު އޮތީ 17 މެޗުން ލިބުނު 25 ޕޮއިންޓާއިއެކު ތާވަލުގެ 10 ވަނާގައެވެ. މިވަގުތު ޗެލްސީއާއި ހަތަރުވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ދެމެދު 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ޗެލްސީ މި މެޗާއި ކުރިމަތިލީއިރު، އެ ޓީމް އޮތީ އުނދަގޫ ހާލަތެއްގައެވެ. އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެ ޗެލްސީގެ ފޯމް ވަނީ ދައްވެފައެވެ. އެ ޓީމް ލީގުގައި އެންމެ ފަހުން ކުޅުނު 8 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ލަނޑެއް ޖެހޭގޮތް ވަނީ ނުވެފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އަނިޔާވެ އެ ޓީމްގެ ރަހީމް ސްޓާލިންއާއި ކްރިސްޓިއަން ޕްލިސިޗް ވަނީ ބަދަލު ކޮށްފައެވެ. މި ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ ވެސް ޗެލްސީންނެވެ. ޕްލިސިޗްގެ ބަދަލު ކުޅެން ނުކުތް ކާނޭ ޗުކްވުއެމްކާ ފުރަތަމަ ހާފުގެ ފަހު ވަގުތު ފޮނުވާލި ހަމަލާ އަމާޒުވީ ސިޓީގެ ގޯލުގެ ދަނޑިއަށެވެ.

ދެވަނަ ހާފުގައި ސިޓީން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ނެރެފައެވެ. އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ޖެކް ގްރީލިޝްގެ އެހީތެރިކަމާއިއެކު ކާމިޔާބު ކޮށްދީފައި ވަނީ މަހްރޭޒްއެވެ.