ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ކެންޕެއިން ކުރުމަށް، އިދިކޮޅުން ނ. އަތޮޅަށް ދަތުރެއް ކުރަން ހަމަޖެހިފައިވާކަން ހާމަކޮށްފި އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ރައީސް ޔާމީން 2023 ގެ ކެމްޕެއިން ދަތުރެއް ޖެނުއަރީ 6 އިން 10އަށް ނ.އަތޮޅަށް ކުރުމަށްވަނީ ހަމަޖެހިފައިކަމަށެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓް ރައީސް ޔާމީނަށް ދޭން ނިންމީ ޕްރައިމަރީއަކާ ނުލައި ދެ ޕާޓީގެ ސެނެޓް މެމްބަރުންގެ އިއްތިފާގުން ނިންމާ އިއުލާންކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭގަ އެވެ. އަދި އެކަން ޔާމީން ވަނީ ގަބޫލުކުރައްވާފައިވެ އެވެ.
އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ އިއްވައިފަ އެވެ.
މިހުކުމްގެ ކުރިން ރިޔާސީ އިންތިހާބުގެ ކެންޕެއިން ހަރަކާތްތަކެއް ޔާމިންވަނީ މާލެ އާއި އަތޮޅު ތެރޭގައިވެސް ކުރިއަށް ގެންގޮސްފަ އެވެ.
އާރަށް މައްސަލާގައި ޔާމީނަށް ރިޝްވަތު ދިންކަން ސާބިތުވެފައި ވުމުން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތެއް ޔާމިންގެ ކިބައިން ވަނީ އުނިވެފަ އެވެ.
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޖަލަށް ލިޔަސް، ކޯލިޝަން އޮތީ ބަދަހިކޮށް ކަމަށް އަދުރޭ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ނަން ނެތި، ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދޭނެ ކަމަށްވެސް އަދުރޭ ވިދާޅުވެފައިވެއެވެ.
ޔާމީން ޖަލަށްލި ފަހުން އިދިކޮޅު ޕީޕީއެމުން ދަނީ ކޮންމެ ދުވަހަކު ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ. ޕީޕީއެމާއި ޕީއެންސީގެ ސެނެޓުން ވަނީ ޔާމީން މިނިވަންކޮށް، ރާއްޖޭގެ ރައީސް ކަމަށް އިންތިހާބުކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް ފާސްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!