ހދ. ނޮޅިވަރަމްގައި ވޮލީ ކޯޓެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް މިއަދު ޢިއުލާންކޮށްފިއެވެ.
ނޮޅިވަރަމްގައި ވޮލީ ކޯޓެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ކުރި ޢިއުލާންގައިވާ ގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މިގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ނޮޅިވަރަމްގައި ވޮލީ ކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ޔޫތު މިނިސްޓްރީން ޢިއުލާންކުރިއިރު އެރަށަކީ ކުޅިވަރުގައި ވަރަށް ހުނަރުވެރި ޒުވާނުންތަކެއް ތިބިރަށެކެވެ. މި ގޮތުން އެރަށުގެ ޓީމު ތައް އަންނަނީ އަތޮޅު ފެންވަރުގައި ބާއްވާ ވޮލީ، ފުޓްބޯޅަ މުބާރާތްތަކުން ބޮޑެތި ކާމިޔާބުތައް ހޯދަމުންނެވެ. މިގޮތުން ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަހަރު ނޮޅިވަރަންފަރުގައި ކުރިޔަށްގެންދިޔަ ފިރިހެން ޑިވެޜަންގެ ވޮލީ މުބާރާތުގެ ޗެމްޕިންކަން ހޯދާފައި ވަނީ، ނޮޅިވަރަމް ކައުންސިލް ރެކްރިއޭޝަން ކްލަބް އެވެ. މީގެ އިތުރުން އިހަވަންދޫގައި ބޭވި އިހަވަން ކަޕް ފުޓްބޯޅަ ފުޓަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ނޮޅިވަރަމް ކްލަބް ޕެނީއެވެ. މީގެ އިތުރުން އަތޮޅު، ޒޯން މުބާރާތްތަކުގައިވެސް އެރަށް ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.
ނޮޅިވަރަމްގައި ވޮލީ ކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ޔޫތު މިނިސްޓްރީން ޢިއުލާންކުރިއިރު އެރަށުގެ ބޮޑު ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔުމުން އެރަށުގެ ޒުވާނުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދަނޑުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު މިހާރު މަސައްކަތް ފަށައިގެން ފަހު މަރުހަލާގެ މަސައްކަތްތައް ދަނީ ހިނގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!