މިދިޔަ ޑިސެމްބަރު މަހު 184،051 ފަތުރުވެރިން ރާއްޖެ އައި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއީ ނޮވެމްބަރު މަހުގެ އައި އަދަދާ އަޅާ ބަލާއިރު 25.3 އިންސައްތައިގެ އިތުރުވުމެކެވެ. ނޮވެމްނަރު މަހު އައީ 146،886 ފަތުރުވެރިންނެވެ.
ޑިސެމްބަރު މަހު އެވްރެޖުކޮށް ދުވާލަކު 5،937 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ. އަދި އެންމެ ގިނައިން އެއް ދުވަހެއްގެ ތެރޭގައި 7،669 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެމްބަރު މަހުވެސް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އެ ގައުމުން 31،651 ފަތުރުވެރިން އައިރު ރަޝިއާއިން 19،620 އަދި އިނގިރޭސިވިލާތުން 17،160 ފަތުރުވެރިން އައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި އިންޑިއާ އާއި ރަޝިއާ އާއި އިނގިރޭސިވިލާތުގެ އިތުރުން އިޓަލީ އާއި ޖަރުމަނާއި އެމެރިކާ އާއި ފްރާންސާއި ސްޕެއިން އާއި ދެކުނު ކޮރެއާ އާއި ކަޒަކިސްތާނު ހިމެނެއެވެ.
ޑިސެމްބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވަނީ ކްރިސްމަސްއާއި އައު އަހަރު ފާހަގަކުރުމަށް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން ގިނަ ބަޔަކު އައުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!