ދިވެހި އިގުތިސާދު މިވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް) ގެ ސްޓާފް ވިޒިޓަށްފަހު، ނެރެފައިވާ ޕްރެސް ރިލީޒްއާއި ހަވާލާދީ ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

އެ ޓްވީޓުގައި ރާއްޖޭގެ އިގްތިސާދު ބާރަށް ކުރިއަރަމުންދާކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ ކޮވިޑް ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ނަތީޖާ ކަމަށެވެ. އަދި ދިވެހި އިގުތިސާދު މިވަނީ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި ކަމަށެވެ.

"2022 ވަނައަހަރަށް އަޅުގަނޑުމެން އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިން މިހާރު ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ. މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭ." އަމީރު ވިދާޅުވި އެވެ.

މީގެ އިތުރުން އިޤްތިސާދީ މި، ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސް ނިންމަވަނީ އޭގެން ސިޔާސީ މަންފާއެއް ހޯއްދަވާކަށް ނޫން ކަމަށާއި އަބަދު ވެސް އިސްކުރައްވަނީ ޤައުމާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާ ކަމަށް ވެސް ވިދާޅުވި އެވެ.

ކައިރި ޤައުމުތަކުން އަޅުގަނޑުމެންނަށް, ފެނިގެންދާ ހަޤީޤަތަކީ ސިޔާސީ ބާރުވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި އިގްތިސާދީ ސިޔާސަތުތައް "ކޮމްޕްރޮމައިޒް" ވުމުން, އޭގެ ބޮޑު ގެއްލުމާއި ދެރަ އުފުލަންޖެހެނީ ވަރަށް ހިތިކޮށްކަން ވެސް އަމީރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 21 އިން 29 އަށް އައި.އެމް.އެފް ވަފްދެއް ރާއްޖެއަށް ޒިޔާރަތްކޮށް، ކޯވިޑް-19 ޕެންޑަމިކުން އަރައިގަނެ އިގްތިސާދު ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ވަނީ މަރުހަބާ ކިޔާފަ އެވެ.

އިގްތިސާދު ރަނގަޅުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ދައުލަތުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކާއި، ރައްޔިތުންނާ ހަމައަށް ވެކްސިން ފޯރުކޮށްދިނުން އަވަސްކުރުންކަން އެ ވަފުދުން ވަނީ ފާހަގަ ކުރައްވާފަ އެވެ.

މީގެއިތުރުން ޖީ.އެސް.ޓީ އާއި ޓީ.ޖީ.އެސް.ޓީ ބޮޑުކުރުމާއި، ސަބްސިޑީސް ރީފޯމްކުރުމަށް ނިންމި ނިންމުމަކީ ސަރުކާރުގެ މާލީ ސިޔާސަތު ހަރުދަނާކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ވަފުދުން ފާހަގަ ކުރެއްވި އެވެ.

ހަމަމިއާއެކު އެ ވަފުދުން ވަނީ ދައުލަތުގެ ޚަރަދުތަކާއި ދަރަނި މެނޭޖްކުރުމުގައި ހަރުދަނާ ފިޔަވަޅުތައް ގާއިމުކުރުމަށް ވެސް ލަފާ ދެއްވާފަ އެވެ.