ހުޅުމާލޭ ހާފްވޭ ހައުސް ކައިރިން މަރާލި ހާރިސް އަބްދުލްއަފޫރުގެ މަރުގެ ދައުވާލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވެ، ކްރިމިނަލް ކޯޓުން ސަލާމަތްވެއްޖެ އެވެ.
ސެޕްޓެމްބަރު، 2017 ގައި ހާރިސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ފުވައްމުލަކު ހިލްޓަން، ޔާމީން ރަޝީދުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ ހާރިސް އަށް ޔާމީން ހަމަލާ ދެނިކޮށް އެއްވެސް ހެކިވެރިއަކަށް ފެނިފައި ނުވާ ކަމަށެވެ.
ސިއްރު ހެކިންގެ ތެރެއިން ކޯޓުގައި ހެކިބަސް ނުދޭ ހެކިންގެ ބަޔާންތަކަށް ރިއާޔަތް ކުރަން ދައުލަތުން އެދިފައިވެ އެވެ. އެކަމަކު އެ ބަޔާންތައް ދައުވާލިބޭ ފަރާތާ ހިއްސާ ކުރުމެއް ނެތި އެ ބަޔާންތަކަށް ކޯޓުން ރިއާޔަތް ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން، އެހެން ގައުމުތަކުގައި ކޯޓަށް ހާޒިރު ނުކުރެވޭ ހެކިންގެ ބަޔާންތަކަށް ކޯޓުން ރިއާޔަތް ކުރަނީ ގާނޫނުގައި ބަޔާންކުރާ ވަކި ހާއްސަ ހާލަތްތަކެއްގަ އެވެ. އަދި ރާއްޖޭގައި އެފަދަ ގާނޫނެއް ނެތްކަން ހުކުމުގައި ފާހަގަކުރި އެވެ.
ދައުވާލިބުނު ޔާމީން ގެންގުޅުނު ކަމަށް ބުނާ ޖިންސަކުން ހާރިސްގެ ޑީއެންއޭ ފެނުނު ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އެކަމަކު ދިފާއުން ބުނެފައިވާ ގޮތުގައި ހާރިސްއަކީ އޭގެ ކުރިން ދައުވާލިބޭ ޔާމީނަށް ތޫނު އެއްޗަކުން ހަމަލާދިން މީހެއް ކަމަށްވާތީ އެ ހާދިސާގެ ތެރޭގައި ޑީއެންއޭ ނަގުލުވުމުގެ ފުރުސަތު އޮންނާނެ އެވެ. ޑީއެންއޭ ތަހުލީލުކުރަން ސާމްޕަލް ނެގީ ގާނޫނާ ޚިލާފަށް ކަމަށް ދިފާއުން ބުނެފައިވެ އެވެ.
ހުކުމުގައިވާ ގޮތުން ޑީއެންއޭ ރިޕޯޓާ ބެހޭގޮތުން ދިފާއުން އުފެއްދި ސުވާލުތަކަށް އެކަށީގެންވާ ހުއްޖަތެއް ދައުލަތަށް ދެއްކިފައެއް ނެތެވެ. އަދި މަންޒަރު ފެނުނު އެއްވެސް ހެކިވެރިއަކު ނެތުމުން އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ހާރިސް މަރާލީ ކުރިން ހިނގާފައިވާ މާރާމާރީއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!