ވ. އަތޮޅު ކަނޑުގެ ސަރަހައްދަކުން އިންސާނެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި ހަށިގަނޑު ފެނިފައިވަނީ ވ. އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުގެ ސަރަހައްދުން ކަމަށެވެ. އެ ހަށިގަނޑު ފެނިފައިވާ ކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 09:03 ގައި ކަމަށް ވެސް ވިދާޅުވި އެވެ.

Ad
rt

އެ އިދާރާ އިން ވިދާޅުވީ އެ ހަށިގަނޑު މިހާރު ވަނީ ފުލުހުންގެ ލޯންޗަށް ނަގާފައި ކަމަށެވެ. އަދި މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް ވިދާޅުވި އެވެ.

މި ހަށިގަނޑު ފެނިފައިވާއިރު، ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެ މީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން ނެވެ.

ގެއްލިގެން ހޯދަމުން ދަނީ، މުޙައްމަދު ނިޡާމް (45އ)، ގދ. ތިނަދޫ / މަނާރު، އަދި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން (35އ) އެވެ.

އެ ދެ އެމީހުން ތެޔޮ ބޯޓެއްގައި ފުރާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ކަމަށާއި މި ދެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

މި ހާދިސާގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ފުލުހުން ވިދާޅުވެފައިވަނީ އެ 'ދެ މީހުން ދަތުރުކުރި ތެޔޮބޯޓު، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ޑިސެމްބަރ 29 ވަނަ ދުވަހު ފެނިފައިވާ ކަމަށެވެ. އަދި އެ ބޯޓުން ދަތުރުކުރީ އެ ދެ މީހުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ބޯޓު ފެނުނު ނަމަވެސް އެ ބޯޓުގައި ދަތުރުކުރި ދެ މީހުން އަދިވެސް ފެނިފައެއް ނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން މި ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރައްވަމުން ގެންދަވާއިރު، މި ދެ މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިނަށް 3322111 އަށް ނުވަތަ އެ އިދާރާގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދިލައްވައެވެ.