އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.

ރެލިގޭޝަން ޒޯނުގައި އޮތް ނަމަވެސް ނޮޓިންހަމް ފޮރެސްޓުން އަމިއްލަ ދަނޑުގައި އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުން ވެސް އެ ޓީމް ބަލިވެފައި ނުވެއެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ޗެލްސީންނެވެ. މި ލަނޑު 16 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރަހީމް ސްޓާލިންއެވެ. ސްޓާލިން މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އެ ޓީމުން އުފެއްދި އެޓޭކެއްގައި ފޮރެސްޓްގެ ގޯލުގެ ހުރަސް ދަނޑީގައި ބޯޅަ ޖެހިފައި ނުކުތް ވަގުތު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ބޯޅަ ހިފަހައްޓައިގެން ޗެލްސީން ގޭމް ޑޮމިނޭޓް ކުރި ނަމަވެސް މެޗުގައި ފޮރެސްޓުން ވެސް ވަނީ ޗެލްސީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން އެ ޓީމުން ފަސް ހަމަލާއެއް ވަނީ ޗެލްސީގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ފޮރެސްޓުގެ މޯގަން ގިބްސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އޭނާ ޗެލްސީގެ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަކާ އަމާޒުވީ ޗެލްސީގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ފޮރެސްޓުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 63 ވަނަ މިނެޓުގައި ވިލީ ބޮލީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ސާޖް އައުރިއާއެވެ.

ޗެލްސީގެ ކޯޗްކަމާއި ގްރަހަމް ޕޮޓާ ހަވާލުވެ ފުރަތަމަ ކުޅުނު މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް ފަހަކަށް އައިސް އެ ޓީމުގެ ނަތީޖާ ވަނީ ދަށްވެފައެވެ. މިގޮތުން ޕޮޓާގެ އިރުޝާދުގެ ދަށުން ޗެލްސީ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމަށް މޮޅެއް ހޯދިފައި ވަނީ އެންމެ މެޗަކުންނެވެ.

މި މެޗުން ލިބުނު ޕޮއިންޓާއިއެކު ފޮރެސްޓް ވަނީ ޕޮއިންޓް ތާވަލުގެ 18 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 17 މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، 19 ވަނާގައި އޮތް ވުލްވްސްއަށް 13 މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ. ޗެލްސީ މިވަގުތު އޮތީ ކުޅުނު 16 މެޗުން ލިބުނު 25 ޕޮއިންޓާއިއެކު ތާވަލުގެ 8 ވަނާގައެވެ.