އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ބްރައިޓަން ބައްދލުކުރި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލް ހަމަޖެހިލައިފިއެވެ.
ތާވަލުގެ ދެވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި އެވަޓަން ރޭ ބައްދަލުކުރި މެޗު އެއްވަރުވުމުން މިހާރު ސިޓީއާއި އާސެނަލްއާއި ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
އެއްވަނާގައި އާސެނަލް އޮތީ ކުޅުނު 16 މެޗުން ލިބުނު 43 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ސިޓީއަށް ލިބިފައި ވަނީ 16 މެޗުން 36 ޕޮއިންޓެވެ.
ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ކޮންމެ ހާފެއްގައި އާސެނަލުން ވަނީ ދެ ލަނޑު ޖަހާފައެވެ. އާސެނަލްގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސަކާއެވެ.
ފުރަތަަމަ ހާފު ނިމުމުގެ ކުރިން އާސެނަލްގެ ކެޕްޓަން، މާޓިން އޮޑެގާޑް، ވަނީ ލަނޑުޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އާސެނަލުން ވަނީ އެ ޓީމްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެޑީ ކެޓިއާއެވެ.
ބްރައިޓަންގެ ފުރަތަމަ ލަނޑު 65 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ މިޓޯމާއެވެ.
އާސެނަލްގެ ހަތަރުވަނަ ލަނޑު 71 ވަނަ މިނެޓުގައި މާޓިނެއްލީ ކާމިޔާބު ކޮށްދީފައިވާއިރު، ބްރައިޓަންގެ ދެވަނަ ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ފާގަސަންއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!