ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާއާއި އެސްޕަނިޔޯލް ބައްދަލުކުރި މެޗު އެއްވަރުވެ، ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަރަގު ބޮޑުކުރަން ލިބުނު ފުރުޞަތު ބާސާއިން ނަގާލައިފިއެވެ.
މިރޭ ބާސާގެ އަމިއްލަ ދަނޑުގައި އެސްޕަނިޔޯލްއާއި ބައްދަލުކުރި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ބާސާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ކްރިސްޓެސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މާކޮސް އެލަންސޯއެވެ. ލަނޑު ޖެހިތާ ދިހަ މިނެޓް ފަހުން ލީޑު ފުޅާކުރަން ރަނުގެ ފުރުޞަތެއް އެލަންސޯއަށް ލިބުނު ނަމަވެސް އެ ފުރުޞަތުގެ ބޭނުން ވަނީ ނުހިފިފައެވެ.
މި މެޗުގައި ގިނަ ކާޑުތަކެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ރެފްރީކަން ކޮށްފައި ވަނީ ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި އާޖެންޓީނާއާއި ނެދަލެންޑްސް ބައްދަލުކުރި މެޗުގައި ރެފްރީކަންކޮށް ގިނަ ކާޑުތަކެއް ދެއްކި ސްޕެއިންގެ ރެފްރީ އެންޓޯނިއޯ މަޓެއު ލަހޯޒްއެވެ.
އޭނާ ވަނީ ބާސާއާއި އެސްޕަނިޔޯލް މިރޭ ބައްދަލުކުރި މެޗުގައި 16 ރީނދޫ ކާޑާއި 2 ރަތް ކާޑު ހިމެނޭހެން ޖުމްލަ 18 ކާޑު ދައްކާފައެވެ.
އެސްޕަނިޔޯލުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ބާސާގެ ޑިފެންޑަރ އެލަންސޯ އެސްޕަނިޔޯލްގެ ފޯވާޑް ޖޯސެލޫއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދީފައި ވަނީ ވެސް އޭނާއެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ބާސާގެ ޖޯޑީ އަލަބާއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކާފައި ވަނީ އެސްޕަނިޔޯލްއަށް ބާސާގެ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކަށް ވޯލް އެޅުވި ވަގުތު ޝަކުވާ ކުރުމާއި ގުޅިގެންނެވެ.
އޭގެ ދެ މިނެޓް ފަހުން އެސަޕަނިޔޯލްގެ ސޮއުޒާ ކޯސްޓާ ލެވަންޑޯސްކީއަށް ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ދެވަނަ ރީނދޫ ކާޑާއިއެކު ވަނީ ރަތްކާޑު ދައްކާފައެވެ. އެ ވަގުތު ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެސްޕަނިޔޯލްގެ ކެބްރޭރާއަށް ވެސް ރެފްރީ ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ކަޑު ފަހުން ވަނީ ކެންސަލް ކޮށްފައެވެ.
މި މެޗުން ލީޑު ނަގާނެ ރަނގަޅު ފުރުޞަތުތަކެއް ބާސާއަށް ލިބުނު ނަމަވެސް އެ ފުރުޞަތުތަކުގެ ބޭނުން ނުހިފި މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުޞަތު ބާސާއަށް އޮތެވެ. ނަމަވެސް މެޗު އެއްވަރުވުމުން ބާސާއާއި ރެއާލް މެޑްރިޑް ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރު ވެފައެވެ. މިވަގުތު ބާސާއާއި ރެއާލަށް ވެސް 38 ޕޮއިންޓް ލިބިފައިވާއިރު، ބާސާއަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!