އައު އަހަރާ ގުޅުވައިގެން މިރޭ މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބަހާއި ފެރީ ދަތުރުތައް ކުރާ ވަގުތު އިތުރުކުރުމަށް ނިންމައިފިއެވެ.
އެ ކުންފުނިން ބުނީ މިރޭ ހުޅުމާލެއިން މާލެއަށް 00:30ގައާއި 1:00ގައި އިތުރު ފެރީ ދަތުރުތަކެއް ތަވާލު ކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން މިރޭ ދަންވަރު 2:00އާ ހަމައަށް އެކި ރޫޓުތަކުގެ ބަސް ދަތުރުތައް އިތުރުކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ދަތުރު އިތުރު ކޮށްފައިވާ ބަސް ރޫޓުތައް
- އާރް 1: ވެސްޓް ޕާކުން ހުޅުމާލެ ފޭސް 1
- އާރް 2: ކާނިވަލުން ހުޅުމާލެ ފޭސް 1
- އާރް 6: ހުޅުމާލެ ދެވަނަ ފިޔަވަހިން ފުރަތަމަ ފިޔަވައްސަށް
- އާރް 10: އޯކިޑު ރޫޓު
- އާރް 11: އަމީނީ ރޫޓު
އެމްޓީސީސީން ބުނީ މި ދަތުރުތައް އިތުރުކުރަނީ އައު އަހަރުގެ މުނާސަބަތުގައި ބޭއްވޭ އެކި ހަރަކާތްތަކަށް ހުޅުމާލެއަށްދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަން ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!