ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ތެޅުންތެރިޔާ އަދި މި ގަރުނުގެ މަޝްހޫރު ކުޅިވަރު ޝަހުސިއްޔަތު އެޑާސަން އަރަންޓޭޒް ޑޯ ނަސިމެންޓޯ (ޕެލޭ) މަރުވެއްޖެއެވެ.
ބްރެޒިލަށް ތިން ފަހަރު ވޯލްޑް ކަޕް ތަށި ހޯދައިދީފައިވާ، ދުނިޔެދުށް އެންމެ ހުނަރުވެރި އެއް ފުޓްބޯޅަ ތަރި ޕެލޭ މަރުވީ އުމުރުން 82 އަހަރުގައެވެ.
އޭނާ މަރުވީ ހޮސްޕިޓަލްގައި އެނދުމަތިކުރެވި ފަރުވާ ދެމުންދިޔަ ޕެލޭއަށް ވަނީ ހިތާއި ކިޑްނީގެ މައްސަލަތަކެއް ކުރިމަތިވެފައި ކަމަށް ބައިނަލްއަގްވާމީ ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޕެލޭގެ ގޮހޮރުގައި އުފެދުނު ޓިއުމަރެއް 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ނަގާފައެވެ. ޕެލޭގެ ހާލަތު ގޯސްވާން ފެށުމުން ބްރެޒިލްގެ ސައޯ ޕައުލޯގެ އަލްބަޓް އައިންސްޓައިން ހޮސްޕިޓަލުގައި ނޮވެމްބަރު 29 ގައި ވަނީ އެޑްމިޓްކޮށްފައެވެ.
ޕެލޭ އަށް ކެންސަރު ބައްޔާއި ވެސް ހަނގުރާމަ ކުރާންޖެހިފައިވާއިރު، ބުދަ ދުވަސް ހޮސްޕިޓަލުން ބުނީ ކެންސަރު ބަލީގެ ހާލަތު ގޯސްވަމުން އަންނަ ކަމަށެވެ. އަދި ކިޑްނީ އާއި ހިތް ފެއިލް ވުމުގެ ފުރުސަތު އޮތުމުން ފަރުވާ އިތުރަށް ވަރުގަދަކުރާން ޖެހިފައިވާ ކަމަށް ވެސް ބުނެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މިހާތަނަށް ކުޅުނު އެންމެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޕެލޭ ވަނީ 1958، 1962 އަދި 1970 ވަނަ އަހަރު ބްރެޒިލް އަށް ވޯލްޑް ކަޕްގެ ތަށި ހޯދައިދީފަ އެވެ.
މިރޭގެ ވަގުތެއްގައި ޕެލޭ މަރުވެފައިވާއިރު، އޭނާގެ ހާލަތު އިތުރަށް ގޯސްވާން ފެށުމުން، އޭނާގެ މުޅި އާއިލާ ވަނީ ހުސްވި ހަފްތާގެ ތެރޭގައި އޭނާގެ ގާތަށް ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!