ރިޔާސީ އިންތިހާބަށް އެމްޑީޕީ އެކަނި ނުކުންނަ ނަމަ، ރަނިންމޭޓަކަށް ހުންނާނީ އެމްޑީޕީގެ މެންބަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ އެމަނިކުފާނު ވިދާޅުވީ ޝަރުތު ހަމަވާ ކޮންމެ ބޭފުޅަކަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ބޭރުގެ ގައުމަކުން ރާއްޖޭގެ ސިޔާސީ ކަންތައްތަކަކާ ނުބެހޭނެ ކަމަށާއި އެފަދަ އެއްވެސް ޕްރެޝަރެއް އެމަނިކުފާނަށް ނާންނަ ކަމަށެވެ.
"އެމްޑީޕީގައި އެބަތިބި ރިޔާސީ ކެންޑިޑޭޓް ކޮލިޓީގެ ވެސް، ރަނިންމޭޓް ކޮލިޓީގެ ވެސް ވަރަށް ބައިވަރު ބޭފުޅުން. އެހެންވީމާ ރަނިންމޭޓް ހޮވުމުގައި އެކަށީގެންވާ ކަމަށް ވަރަށް ގާބިލު، ސިޔާސީ، ވިސްނުންތެރި، ހިކުމަތްތެރި ބޭފުޅުން އެބަ ތިއްބެވި،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ފުރުސަތު އެންމެ ބޮޑީ އެމަނިކުފާނު (ރައީސް ސާލިހު) ކަން ފާހަގަކުރައްވާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން އެއްވެސް ޕާޓީއަކަށް އެެކަނި ނުކުމެ، ރިޔާސީ އިންތިހާބެއް ކާމިޔާބުކުރެވޭނެ ކަމަކަށް ދެކެވަޑައެއް ނުގަންނަވާ ކަމަށެވެ.
ސިޔާސީ ގޮތުން ބައެއް ކަންތައްތަކުގައި ހިޔާލު އެއްގޮތް ނޫން ފަރާތްތަކާ އެކުގައި މަސައްކަތް ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ބޭފުޅަކީ އެމަނިކުފާނު ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީން ބޭނުންވާނެ ކަމަށާއި އެ ޕާޓީއަށް އިންތިހާބު ކާމިޔާބުކުރެއްވޭނީ އެމަނިކުފާނާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އެމްޑީޕީ ބައިބައިވެއްޖެ ނަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ ވަރަށް އުނދަގޫ ކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ނަޝީދު ބޭނުންފުޅުވެގެން އުޅުއްވަނީ ރައީސްކަން ނޫން ކަމަށާއި ބޮޑުވަޒީރުކަން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!