ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުން މިނިވަންކޮށް އަލުން ރައީސް ކަމަށް ގެނައުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ސެނެޓުން ވައުދު ވެއްޖެއެވެ.

މިގޮތަށް ވައުދުވެފައިވަނީ މީރުމާ ހޮޓެލްގައި ރޭ ބޭއްވި ޕީޕީއެމް / ޕީއެންސީ ސެނެޓަރުންގެ ކުއްލި ބައްދަލުވުމަށް ހުށަހެޅި ގަރާރަކުން ނެވެ. މި ގަރާރު، ފާސްކުރީ 89 ސެނެޓަރުންގެ ތާއީދާ އެކުގަ އެވެ.

Ad
rt

ރައީސް ޔާމީނަށް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިސްލާމީ ޝަރީއަތާއި ގާނޫނުތަކާއި ހިލާފަށް އިއްވީ އެމަނިކުފާނާ ދުޝްމަން ކަމެއް އޮތް ބައެއްގެ "ފާސިގު ހެކި އުފައްދައިގެން" ކަމަށް އެ ގަރާރުގައި ވެއެވެ. އަދި ރައީސް ސާލިހު، އިސްތިއުފާ ދިނުމަށާއި ޔާމީން މިނިވަންކުރަން ބަޔާންތައް ނެރުމަށާއި މުޅި ރާއްޖޭގައި އިހްތިޖާޖްކުރުމަށް ވެސް ގަރާރުގައި ވަނީ ގޮވައިލާފަ އެވެ.

މީގެ އިތުރުން ޔާމީން ޖަލަށްލީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭން މަސައްކަތް ކުރައްވާތީ ކަމަށާއި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިމަށް ކަމަށް ވެސް ގަރާރުގައި ވެއެވެ. އަދި ޕީޕީއެމް އާއި ޕީއެންސީގެ ހުރިހާ މެންބަރުން އެކުގައި ތިބުމަށާއި ބައިބައިކުރަން ފުރުސަތު ނުދިނުމަށް އަޒުމު އާކުރުމަށް ވެސް ގަރާރުގައި ވެއެވެ.

ގަރާރަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް، ޕީޕީއެމްގެ ނައިބް ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވި އެވެ. އަދި އިދިކޮޅު ހުރިހާ މީހުން ވެސް ތިބީ ބަދަހިކޮށް ކަމަށާއި ވޯޓު ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަން އޮންނާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފަ އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި އޮތް ވަރުގެ ހުދުމުހުތާރު ވެރިކަމެއް ދެކެވަޑައިނުގަންނަވާ ކަމަށާއި ޔާމީން ޖަލަށްލީ އެމަނިކުފާނު ގެނައި ތަރައްގީ އެގޮތަށް ނުގެނެވޭތީ ޒާތީ ވެގެން ކަމަށެވެ.