ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް ކޯހެއް ހިންގުމަށް ނިންމައި، އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ޔޫތް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ވިދާޅުވީ މިއީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ގުޅިގެން ހިންގާ ކޯހެއް ކަމަށާއި މިކޯސް ފެށުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި މިއީ އެމްކިއުއޭ ލެވެލް 5 ގެ ކޯހެއް ކަމަށެވެ.

Ad
rt

އެއް އަހަރުގެ މުއްދަތަށް ދެ ސެމިސްޓަރއަކަށް ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޖެނުއަރީ 5 ވަނަ ދުވަހުެގ މެންދުރު 12 ޖެހުމާއި ހަމައަށް ކަމަށާއި މި ކޯހުގައި 35 މީހުން ބައިވެރިކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކޯސް ހިންގާނީ ހ. ބޯޅަގޭގައި ހުންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގައި ކަމަށް ވެސް ވިދާޅުވި އެވެ.

މި ކޯހުގައި މީހުން ބައިވެރިކުރުމުގެ ޝަރުތުތަލުގެ ތެރޭގައި ޖީ.ސީ.އީ އޭލެވެލް އިމްތިހާނުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓްފިކެޓް ލެވެލް 4 ގެ ފާހެއް އޮތުން ހިމެނެ އެވެ. އަދި މި ޑިޕްލޮމާ ޕްރޮގްރާމަށް ފާސްކޮށްފައިވާ ލެވެލް 4 ގެ ފައުންޑޭޝަން ސްޓަޑީ ޕްރޮގްރާމެއް ހާސިލުކޮށްފައިވުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ލެވެލް 4 ގެ ސަނަދެއް ފުރިހަމަކޮށްފައިއޮތުން (ގުޅުން ނެތް)، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ 'ޔުނިވަރސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމެއް' ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިއޮތުން ވެސް ހިމަނާފައިވާއިރު، އުމުރުން 20 އަހަރު ފުރިފައިވުމާއެކު ސެކަންޑަރީ ސްކޫލް (ގްރޭޑް 6 – 10 އަށް) ފުރިހަމަކޮށްފައިވުމާއި ކުޅިވަރާއި ގުޅުންހުރި ދާއިރާއަކުން ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމަނާފައި ވެއެވެ.

ހަމަމިއާއެކު އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ 'ޔުނިވަރސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމެއް' ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައި އޮތުން ވެސް ހިމެނެ އެވެ.

މި ކޯހަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމް (ގޫގަލް ފޯމް މެދުވެރިކޮށް) އާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ލިޔުމާއި ސީވީ އަދި ތައުލީމީ ސެޓްފިކެޓްތަކާއި ދާއިރާއާއި ގުޅުންހުރި ލިޔުންތައް ހުށަހަޅަން ޖެހެއެވެ.

އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެ ތަން: http://www.youth.gov.mv/

ެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭ ތަން: އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭނީ ގޫގުލް ލިންކް: https://docs.google.com/forms/d/1bfMdK-QHG1WiX6Ojd5I4Rfj5jAYETcEBFVs_DoKVr8c/edit މެދުވެރިކޮށް ނުވަތަ މިއިންސްޓިޓިއުޓްގެ އީމެއިލް info.mnis@gmail.com މެދުވެރިކޮށެވެ.

ކޯހާއިގުޅޭ އިތުރު މަޢުލޫމާތު 3347396 / 7925046 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

ޔޫތް މިނިސްޓްރީން ވިދާޅުވީ ކޯހުގެ ޖާގައަށްވުރެ ކުރިމަތިލާފައިވާ ފަރާތްތައް ގިނަ ނަމަ، ޝޯޓްލިސްޓް ކުރުމުގައި ދާއިރާއާއި ގުޅުންހުރި ދާއިރާތަކުގެ މަސައްކަތު ތަޖުރިބާއާއި ތައުލީމީ ސެޓްފިކެޓްތަކަށް ބަލާނެ ކަމަށެވެ.