ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)ން ބުނެފިއެވެ.

އެކުންފުނިން ބުނީ ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓްގެ ޓެކްސީވޭ، އާއި އޭޕްރަން މަސައްކަތްތަކުގެ 93 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން، ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތާއި ޓެކްސީވޭއަކާއި، އޭޕްރަން ހެދުމާއި ފަޔަ ޕެޑް އަދި ފަޔަ ރޯޑެއް ގާއިމުކުރުމާއި ފަޔަ ބިލްޑިން އިމާރާތް ކުރުމާއި ޓާރމިނަލް ބިލްޑިން އިމާރާތް ކުރުން ހިމެނެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ގަލްފް ކޮބްލާ ކުންފުންޏާއެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 2.5 މިލިއަން ޑޮލަރަށެވެ.

ނަމަވެސް ފަހުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. އެ ކުންފުނިން އެއާޕޯޓްގެ ބިން ހިއްކައި ނިންމާލާފައިވަނީ އޮގަސްޓް 2020ގައެވެ.

ޑިޒައިން އެންޑް ބިލްޑު އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 2020ގައެވެ.

މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.