''ގާބަރ'' ބްރޭންޑްގެ ކުޑަކުދިންގެ ކާނާ ގަވާއިދާ ހިލާފަށް އެތެރެކޮށް މާކެޓްކޮށް ވިއްކުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ މިހާރަކަށް އައިސް "ގާރބަރ" ބްރޭންޑުގެ ކަނޑައެޅިފައިވާ އުފެއްދުންތައް ރަޖިސްޓްރީ ނުކޮށް މާލޭގެ ފިހާރަތަކާއި މީސްމީޑިއާ މެދުވެރިކޮށް ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

Ad
rt

އެ އިދާރާ އިން ވިދާޅުވީ ކަނޑައެޅިފައިވާ އުފެއްދުންތައް ރަޖިސްޓްރީ ކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ޅަފަތުގެ ކުދިންނާއި ކުޑަކުދިން އަދި މާބަނޑު އަންހެނުންނާއި ގާތުން ކިރުދޭ މައިންގެ ދުޅަހެޔޮ ސިއްހަތަށާއި ރައްކާތެރި އަދި އެދެވިގެންވާ ކާނާ ލިބިގަތުމަށް މަގުފަހިކޮށްދިނުން ހިމެނޭ ކަމަށެވެ. އަދި މި އުފެއްދުންތަކުގެ ފެންވަރާއި މާކެޓްކުރުމާއި ވިއްކުމާއި އެއާއި ބެހޭ މައުލޫމާތާއި ބޭނުންކުރާނެގޮތުގެ އިރުޝާދު ދީ އޭގެ މިންގަނޑުތައް ހިފެހެއްޓުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމަށް ބެހެއްޓޭނީ އެ އޮތޯރިޓީގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ރަޖިސްޓްރީ ކޮށްގެން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އެހެންކަމުން މިފަދަ އުފެއްދުންތައް ރަޖިސްޓްރީނުކޮށް ވިއްކުމަކީ އެ އުފެއްދުންތެރިކަމުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމެއް ކަމުގައި ވެސް އެމްއެފްޑީއޭ އިން ވިދާޅުވެ އެވެ.

ވީމާ، "ގާރބަރ" ބްރޭންޑުގެ ކަނޑައެޅިފައިވާ އުފެއްދުންތައް އެ އޮތޯރިޓީގައި ރަޖިސްޓްރީނުކޮށް އިމްޕޯޓު ކުރުމާއި މާކެޓްކޮށް ވިއްކުމަކީ މަނާ ކަމެއް ކަމުގައި ވަނީ އަންގާފަ އެވެ. އަދި މިފަދަ އުފެއްދުންތައް ވިއްކާނަމަ އެ އޮތޯރިޓީގެ ނަމްބަރު 3014361 ނުވަތަ ހޮޓްލައިން 7603204 އަށް އެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް ވަނީ އެދިފަ އެވެ.