އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓެ ހޭމް ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލުން ފަރަގު ބޮޑުކުރިއިރު، ލެސްޓާ ސިޓީ ބަލިކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ނިއުކާސަލް ޖެހިލައިފިއެވެ.
ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވެސްޓް ހޭމްގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ވެސްޓް ހޭމުންނެވެ. މި ލަނޑު 24 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ސާއިދު ބެންރަހްމާއެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއިންނެވެ.
ނަމަވެސް މެޗުގެ ދެވަނަ ހާފުގައި އާސެނަލުން ވަނީ ތަފާތު ދައްކާފައެވެ. މިގޮތުން 53 ވަނަ މިނެޓުގައި އޮޑެގާޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ބުކަޔޯ ސަކާ ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އޭގެ ފަސް މިނެޓް ފަހުން މާޓިނެއްލީ ލަނޑުޖަހައި ފުރަތަމަ ފަހަރަށް އާސެނަލަށް މެޗުގައި ލީޑު ހޯދައިދިންއިރު، އެ ޓީމްގެ ތިންވަނަ ލަނޑު 69 ވަނަ މިނެޓުގައި އޮޑެގާޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެޑީ ކެޓިއާއެވެ.
ވޯލްޑް ކަޕަށް ލީގު މެދު ކަނޑާލިއިރު އާދަޔާ ޚިލާފް ރަނގަޅު ފޯމެއްގައި އޮތް ނިއުކާސަލުން ވަނީ އެ ޓީމުގެ ފޯމް ރޭގެ މެޗުގައި ވެސް ދަމަހައްޓާފައެވެ.
ރޭ ރަށުން ބޭރުގައި ނިއުކާސަލުން ލެސްޓާގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލުން ވަނީ މޮޅަށްކުޅެ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ދެވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ކްރިސް ވުޑްއެވެ. ދެވަނަ ލަނޑު 7 ވަނަ މިނެޓުގައި ގުއިމަރޭސްއާއި މިގުއެލް އަލްމިރޮން ގުޅިގެން އުފެއްދި ހަމަލާއެގައި ކާމިޔާބު ކޮށްދީފައި ވަނީ އަލްމިރޮންއެވެ. މެޗުގައި ނިއުކާސަލުން ޖެހި ތިންވަނަ ލަނޑު 32 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ޓްރިޕިއާ ލެސްޓާގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޖޯލިންޓަންއެވެ.
ރޭ ރަށުން ބޭރުގައި ލިވަޕޫލުން ވެސް ވަނީ މުހިންމު މޮޅެއް ހޯދާފައެވެ. އެސްޓަން ވިލާގެ ދަނޑުގައި ލިވަޕޫލުން ވަނީ 3-1 ގެ ނަތީޖާއިން އެސްޓަން ވިލާ ބަލިކޮށްފައެވެ.
މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު 5 ވަނަ މިނެޓުގައި ރޮބާޓްސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މުޙައްމަދު ސަލާހްއެވެ. ދެވަނަ ލަނޑު 37 ވަނަ މިނެޓުގައި ވެންޑައިކް ކާމިޔާބު ކޮށްދިންއިރު، ލިވަޕޫލުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ވިލާއިންނެވެ. މި ލަނޑު 59 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ވަޓްކިންސްއެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ 78 ވަނަ މިނެޓުގައި ހެންޑަސަންގެ ބަދަލުގައި ކުޅެން ނުކުތް އުމުރުން އެންމެ 18 އަހަރުގެ ސްޓެފެން ބަޖެޓިޗްއެވެ.
ރޭ ކުޅުނު މެޗުން މޮޅުވުމާއިއެކު އާސެނަލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 15 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ނިއުކާސަލަށް 16 މެޗުން ލިބިފައި ވަނީ 33 ޕޮއިންޓެވެ. ތިންވަނާގައި އޮތީ މެންޗެސްޓާ ސިޓީއެވެ. އެ ޓީމަށް 14 މެޗުން ލިބިފައި ވަނީ 32 ޕޮއިންޓެވެ. ރޭ ލިބުނު ތިން ޕޮއިންޓާއިއެކު ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ 6 ވަނާގައެވެ. އެ ޓީމަށް 15 މެޗުން ލިބިފައި ވަނީ 25 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!