ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް މެދުކަނޑާލުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފެށި މެޗުގައި ޓޮޓެންހަމްއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

މިއަދު ހަވީރު ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށްކުޅެ ގިނަ ހަމަލާ އުފެއްދީ ޓޮޓެންހަމުންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ދެ ލަނޑު ވެސް ކާމިޔާބު ކޮށްފައި ވަނީ ބްރެންޓްފޯޑެވެ. ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ވިޓަލީ ޔަނެޓްއެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ބްރެންޓްފޯޑުން ވަނީ އެ ޓީމްގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު 54 ވަނަ މިނެޓުގައި ނޯގާޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އިވާން ޓޯނޭއެވެ.

ފަހަތުން އަރައި މެޗުގެ ނަތީޖާ އަނބުރާލުމުގައި މި ސީޒަންގައި ރަނގަޅު ރެކޯޑެއް އޮތް ޓޮޓެންހަމުން ވަނީ މި މެޗުގައި ވެސް ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މިގޮތުން އެ ޓީމްގެ ފުރަތަމަ ލަނޑު 65 ވަނަ މިނެޓުގައި ހެރީ ކޭން ކާމިޔާބު ކުރިއިރު، ދެވަނަ ލަނޑު 71 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ ހޮއިބިއާއެވެ.

މެޗުގެ ފަހުބައިގައި، މެޗުން މޮޅުވުމަށް ޓޮޓެންހަމުން ބުރަކޮށް މަސައްކަތްކުރި އެވެ. އެ ޓީމުން ވަނީ ލަނޑުޖަހާނެ ފުރުޞަތު ވެސް ތަނަވަސް ކޮށްފައެވެ. މިގޮތުން ކޭން ފޮނުވާލު ނުރައްކާތެރި ހަމަލާއެއް ހުރަސް ދަނޑިއަށް އަމާޒުވީއިރު، ސޮން ފޮނުވާލި ނުރައްކާތެރި ހަމަލާ ބްރެންޓްފޯޑްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މި މެޗު ފެށުމުގެ ކުރިން ބްރެންޓްފޯޑް ސަޕޯޓަރުން ވަނީ ކޭންއާ ދިމާކޮށްލައިފަ އެވެ. އެއީ ދާދި ފަހުން ނިމުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ފްރާންސް އަތުން އިންގްލެންޑް ބަލިވިއިރު، ނަތީޖާ ހަމަހަމަކުރަން ލިބުނު ޕެނަލްޓީ ކޭން އަތުން ނާކާމިޔާބު ވުމުންނެވެ.

މި ނަތީޖާއާއިއެކު ޓޮޓެންހަމަށް ވަނީ ކުޅުނު 16 މެޗުން 30 ޕޮއިންޓް ލިބިފައެވެ. އެ ޓީމް މިވަގުތު އޮތީ ތާވަލުގެ 4 ވަނާގައެވެ. ބްރެންޓްފޯޑަށް 16 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމް އޮތީ 10 ވަނާގައެވެ.