ކުޑަކުދިންގެ ނަޒަރުގައި 2045 ވަނަ އަހަރު ދުނިޔެ އޮންނާނެ ގޮތުގެ ތަސައްވަރާއި ކުރާ އުއްމީދު ދައްކުވައިދޭ ފޮތް "ދަ އިޔާ 2045' ނެރެފިއެވެ.

މި ފޮތް ނެރެދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފުއެވެ.

Ad
rt

މިއީ އުގައިލް ފައުންޑޭޝަނާއި އެޗްޑީސީގެ ފަރާތުން ހިންގާ "ދަ ސާކަލް" ގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންގެ މަސައްކަތް ހިމެނޭ ފޮތެކެވެ. މިފަދަ ފޮތެއް ނެރުމުގެ ބޭނުމަކީ، ކުޑަކުދިން ދުނިޔެއަށް ލޯހުޅުވާ، އެކުދިންގެ ޚިޔާލާއި ވިސްނުން ތަރައްގީކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.

މި ފޮތުގައި ހިމަނާފައިވާ ޚިޔާލާއި ތަސްވީރުތަކަކީ، ދަ ސާކަލްގައި ތަމްރީންވާ ދިވެހި ކުޑަކުދިންގެ ތަސައްވުރެވެ.

ފޮތް އިފްތިތާހްކުރުމަށް ބޭއްވި ހަރާކާތުގައި، ފޮތް ލިޔުމުގައި ބައިވެރިވި ބައެއް ދަރިވަރުންވަނީ ބައިވެރިވެ، އެމީހުންގެ ތަސައްވުރު ހިއްސާކޮށްފައެވެ.

އުގެއިލް ފައުންޑޭޝަންގެ އިސްނެގުމުގެ ދަށުން, ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ "ދަ ސާކަލް"އަކީ ކުޑަކުދިންނާއި ބޮޑެތިމީހުންގެ ވިސްނުން ތަރައްގީކޮށް، އެ ފަރާތްތައް ބާރުވެރިކުރުވުމުގެ މަގުސަދުގައި ހިންގާ އެކަޑަމީއެކެވެ. މި އެކެޑަމީ ފަށާފައިވަނީ 2019 ގައެވެ.

"ދަ ސަރކަލް"ގެ ޕްރޮގްރާމްތަކުގެ ތެރޭގައި ލީޑާސް އޮފް ޓުމޯރޯ އާއި ކޯޑިން އެންޑް ކްރިޓިކަލް ތިންކިން އާއި އެޑްވާންސްޑް ކޯޑިންގް އާއި ކްރިއޭޓިވް އިންގްލިޝް ފަދަ ހުނަރުވެރި ޕްރޮގްރާމްތައް ހިމެނެއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ގިނަ ޚިދުމަތްތަކެއް އަދި މިފަދަ ގިނަ ޕްރޮގްރާމްތަކެއް އެޗްޑީސީން އަންނަނީ ކުރިއަށްގެންދަމުންނެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ލާބައަށް ކުރެވޭ މިފަދަ މަސައްކަތްތައް، އަދި ވަކިން ހާއްސަކޮށް އިލްމީ ޖީލެއް ބިނާ ކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރު ކުރާނެ ކަމުގެ ޔަގީންކަން މި ހަފުލާގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެރުއްވިއެވެ.