ފެނަކަ ކޯޕަރޭޝަނުން ސްމާޓް މީޓަރުގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
މި ހިދުމަތް ތައާރަފްކުރީ މިދިޔަ ހޮނިހިރު ދުވަހު ގއ. މާމެންދޫގައި އިމާރާތް ކުރި އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. މި ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއެވެ.
މި ހިދުމަތަކީ ރިއަލް ޓައިމްގައި ކަރަންޓް ބޭނުން ކުރެވެމުންދާ ގޮތާއި އޭގެ ތަފްސީލު މިނެޓުން މިނެޓަށް މިން ކުރެވި ފެންނަން ހުންނާނެ ޓެކްނޮލޮޖީއެއް ކަމަށް ފެނަކައިން ބުންޏެވެ.
މި ހިދުމަތް މެދުވެރިކޮށް މޯބައިލް ފޯނުން އިތުރު ތަފްސީލުތައް ފަސޭހަކަމާއެކު ބަލާލެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށާއި އޭގެ ސަބަބުން އެމީހަކު ބޭނުންވާ މިންވަރެއްގައި ކަރަންޓް ބޭނުން ކުރެވޭ މިންވަރު އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބި، ކަރަންޓް އިސްރާފު ކުރުން މަދު ކުރެވޭނެއެވެ.
ސްމާޓް މީޓަަރު މެދުވެރިކޮށް ބޭނުންވާ ތަފްސީލުތައް ހިދުމަތްދޭ ފަރާތުގެ ސިސްޓަމްތަކުގައި ވަގުތުން ވަގުތަށް ރެކޯޑް ވަމުންދާއިރު ކަސްޓަމަރަކަށް ބިލު ކުރުމުގައި އަތުވެދާނެ ކަންބޮޑުވުމެއްގެ އިރުޝާދު ދުރާލާ ކުންފުނީގެ ފަރާތުން ދެވޭނެ ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނެފައިވާގޮތުގައި އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ޕްރީފެއިޑް ކަރަންޓް މީޓަރުތައް ހަރުކޮށް، އެ ހިދުމަތް ވެސް ދިނުމެވެ.
ފެނަކައިގެ ހިދުމަތްތައް ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް މިހާތަނަށް 135 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!