މަޝްހޫރު ޕްރޮޑިއުސަރ، އެކްޓަރ އަދި ކޮމޭޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ގެ ސިލްސިލާ ޑްރާމާ "ދިރިއުޅުމަކީ މިއީބާ" ގެ މައި އެއް ތަނބު ކަމުގައިވާ އަބްދުﷲ އަލީ (އިބްރާހިމްބެ) ނިޔާވެއްޖެ އެވެ.
އޭނާގެ ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުން މިފަހަކަށް އައިސް ފިލްމީ ދާއިރާ އާ ދުރުގައި ހުރިއިރު، އޭނާ ނިޔާވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
ނިޔާވިއިރު، އިބްރާހިމްބެގެ އުމުރަކީ 58 އަހަރެވެ.
ދިރިއުޅުމަކީ މިއީބާ ގެ ހުރިހައި އެޕިސޯޑެއްގައި ކަހަލަގޮތަކަށް ހަރަކާތްތެރިވެފައިވާ އިބްރާހިމްގެ އެކްޓިންގ އަކީ ގިނަބަޔަކު ބަލައިގެންފައިވާ އެކްޓިންގ އެކެވެ. ޑައިލޮގް ޑެލިވަރީ އާއި ފޭސް އެކްސްޕްރެޝަން ގެންގުޅޭގޮތަކީ އޭނާގެ ކުޅަދާނަކަން ދައްކުވައިދޭ ހެއްކެކެވެ.
މީގެ އިތުރުން ގަމީހާއި ސޯޓް ބުރި ލައި، ބޮލާއި ބޮޑު މަތިމަހުގައި ޖައްސާފައިވާ ކުލައިގެ ސަބަބުން ވެސް އޭނާގެ މަޝްހޫރުކަން ވަނީ އިތުރުވެފަ އެވެ.
އެ ސިލްސިލާގެ އިތުރުން ބައެއް އިޝްތިހާރުތަކުން ވެސް ފެނިފައިވާއިރު، އެންމެގިނަބަޔަކަށް ކަމުގޮސްފައިވަނީ “ކޫލްކުރާ ފަންކާ، އޮރިއެންޓް ފަންކާ” އިޝްތިހާރެވެ.
ދިރިއުޅުމަކީ މިއީބާ ގައި ޔޫސޭ ފިޔަވައި އެންމެބޮޑު އަދި އެންމެގިނަދުވަހު ހަރަކާތްތެރިވެފައިވާ ފަންނާނަކީ ވެސް އިބްރާހިމްބެ އެވެ.
އޭނާގެ ވަކިވުމާއި ގުޅިގެން ރާއްޖޭގެ ބައެއް ފަންނާނުން 'ތިލަދުން' އަށް ބުނީ، އިބްރާހިމްގެ ގެ ވަކިވުމަކީ ދިވެހި ފިލްމީ ދާއިރާއަށް ލިބުނު ގެއްލުމެއް ކަމަށާއިި އެއީ ލެޖެންޑަރީ އެކްޓަރެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!