ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ދެ ބޭފުޅުން މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

Ad
rt

އެގޮތަށް ފާސްވުމާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ އުފާ ފާޅުކޮށް އަތްތިލަ ބަޑި ޖަހައިފަ އެވެ.

އެކަމާ ގުޅިގެން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކާމިޔާބީގައި ހިތްތިރި ކުރަން ޖެހޭނެ ކަމަށެވެ.

އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން 2017 ގައި ކޮށްފައިވާ ހުކުމުގައިވާ ގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހުން ފާސް ކުރިޔަސް، އެކަމުގައި ފަސް ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަށް ޖުޑީޝަރީ ކޮމިޓީން ވަނީ ތާއީދު ކޮށްފައެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާ އެނިންމުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް މަތިކޮށްފައިވާ ހަމައެކަނި ކަމަކީ، ޖޭއެސްސީން އެ ނިންމުން ނިންމާފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަނޑައެޅިފައިވާ އިޖުރާއަތުތަކާ އެގޮތަށްތޯ ބެލުން އެކަންޏެވެ. އެހެންކަމުން ޖުޑީޝަރީ ކޮމެޓީއަށް އެރިޕޯޓް ހުށަހެޅުމާއެކު އެކޮމެޓީން މިދިއަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންވެސް ވިދާޅުވީ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް، އަދި ކަނޑައެޅިފައިވާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ.