މާޔޫސްވި އެތައް އާއިލާއަކަށް އާރްޑީސީން އުންމީދު ގެނެސްދިން ކަމަށާއި، އެ ކުންފުނިން މިއަދުވީ 13 ސަތޭކައަށްވުރެ ގިނަ އާއިލާއަށް ހިނިތުވުން ގެނެސްދީފައި ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އާރްޑީސީގެ 3 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.
އޭނާ ވިދާޅުވީ ކުންފުނީގެ މުވައްޒަފުންނާއި ދޭތެރޭގައި ތަފާތު ނަޒަރަކުން ދެކެން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދީގެން ބާކީވެފައި ތިބި މީހުން މުޖުތަމައަށް އަނބުރާ ގެނައުމުގެ މަސައްކަތް އާރްޑީސީން ކޮށްފައިވާ ކަމަށެވެ.
މުޖުތަމައުގައި ނުރަނގަޅު ކަންކަން ގިނަވެއްޖެ ނަމަ އޭގެ ގެއްލުން އެންމެންނަށް ވެސް ކުރާނެ ކަމަށާއި، ރަނގަޅުކަންކަން ގިނަވުމުން އޭގެ ފައިދާ އެންމެންނަށް ވެސް ކުރާނެ ކަމަށް ގަބޫލު ކުރުމަކީ ކުންފުނީގެ ބޯޑާއި މެނޭޖްމެންޓުގެ ވިސްނުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އާރްޑީސީ ހިންގެވުމާއި ހަވާލުވެއްވި އިރު އެންމެ ބޮޑު އެއް ދައްޗަކަށްވީ ފަންނީ މީހުން ނުލިބުމުގެ ދަތިކަން. އެކަމުން އަރައިގަތުމަށް މިދިޔަ ކުރު މުއްދަތުގައި 50 އަށްވުރެ ގިނަ ތަމްރީނު ޕްރޮގްރާމް ހިންގާ މީހުން ބިނާ ކުރުމުގެ ދާއިރާއިން ކުރި އެރުންތަކެއް ހޯދައިދެވިއްޖެ." މޫސަ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަނީ މަދު ވަސީލަތްތަކާއި މަދު މުވައްޒަފުންނާއެކުގައި ވިޔަސް، މަސައްކަތް ލަސްވެ، ފާޑު ކިޔަސް ކޮލިޓީ ކޮމްޕްރޮމައިޒް ނުކޮށް ޕްރޮޖެކްޓްތައް ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.
އެ ކުންފުންޏަށް ތިން އަހަރު ފުރުނު އިރު، ހޯދިފައިވާ ކާމިޔާބީތަކުގެ ތެރޭގައި އާރްޑީސީގެ ހެޑް އޮފީހާއި މާލޭގައި ތިން ސައިޓެއް، ހުޅުމާލޭގައި ސައިޓެއް، އަދި ދެ ރީޖަނަލް ސައިޓް ކުރިޔަށް ގެންދާކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި އެ ކުންފުނިން 26 އަށްވުރެ ގިނަ ރަށްރަށުގައި ޕްރޮޖެކްޓްތަށް ކުރިޔަށް ގެންދާކަން ވެސް ފާހަގަ ކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!