ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް 20 ހާހަށް ވުރެ ގިނަ މެންބަރުންގެ ތާއީދާއެކު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

އެކަން ހާމަކުރެއްވީ، ރައީސް ޞާލިޙްގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސަވާފައިވާ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ނާޝިޒް ވިދާޅުވީ، 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ އެމް.ޑީ.ޕީގެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް، 20 ހާހަށް ވުރެގިނަ މެމްބަރުންގެ ތާއީދާއި އެކު، ރައީސް ޞާލިޙްގެ ކެންޑިޑަސީ ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އެ ޕްރައިމަރީއަށް ފޯމު ހުށަހެޅުމުގެ ސުން ގަޑިއަކީ މިއަދު ހަވީރު 16:00 އެވެ. އަދި އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ ޖެނުއަރީ 28 ވާ ހޮނިހިރު ދުވަހުއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން އެދޭ އެޕާޓީގެ މެންބަރުން އެކަމަށް ކުރިމަތިލާ ފޯމު ހުށަހަޅާއިރު ހުށަހަޅަން ޖެހެނީ 500 މެންބަރުންގެ ތާއީދާއެކުއެވެ.

އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ދެން ޢިއުލާން ކުރަށްވާފައި ވަނީ އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.