އާޖެންޓީނާއިން އެންމެ ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދާފައިވަނީ 1978 ވަނަ އަހަރު އެވެ. ވަރުގަދަ ކުޅުމަކަށް ފަހު ފްރާންސް ބަލިކޮށް އާޖެންޓީނާގެ ޤައުމީ ޓީމުން މި އަހަރުގެ ވޯލްޑް ކަޕްގެ ޝަރަފްވެރި ތަށި ތިންވަނަ ފަހަރަށް މިވަނީ ކާމިޔާބު ކޮށްފައެވެ.

އާޖެންޓީނާއަށް ލިބުނު ކާމިޔާބީގެ ސަބަބުން ލިއޮނަލް މެސީ އާއި އޭނާގެ ޓީމުގެ ކުޅުންތެރިން ދުނިޔޭގެ ޗެމްޕިއަނުންނަށް ވެގެންދިއިރު، ދުނިޔޭގެ ގިނަ އަދަދެއްގެ ފުޓްބޯޅަ ސަޕޯޓަރުންގެ ނަޒަރުގައި މެސީއަކީ ތާރީހުގައި ވެސް އެންމެ މޮޅު ކުޅުންތެރިޔާއެވެ.

Ad
rt

އެއްބަޔަކު އާޖެންޓީއަށް ތަށި ކާމިޔާބު ވީ ސިހުރު ހަދައިގެންނޭ ބުނާއިރު، އަނެއްބަޔަކު އާޖެންޓީނާއާއި މެސީގެ ކާމިޔާބީއާއި ގުޅިފައިވަނީ 2018 ވަނަ އަހަރު ރިޕޯޓަރަކު ދީފައިވާ ރަތް ރިބަނެއް ކަމަށް ދަނީ ބުނަމުންނެވެ.

މީގެ ހަތަރު އަހަރު ކުރިން ރަޝިއާގައި ކުޅުނު ވޯލްޑްކަޕް ގްރޫޕް ސްތޭޖެގައި އާޖެންޓީނާއަށް ދަތިތަކާ ކުރިމަތިވީއިރު، ޓީވީ ރިޕޯޓަރެއް ކަމަށްވާ ރާމާ ޕަންޓަރޮޓޯ ވަނީ މެސީއަށް ރަތް ރިބަނެއް ދީފައެވެ.

"އަހަރެންގެ މަންމަ ބުނީ މީ އެތި ކަލެއަށް ދޭށޭ" ލެޖެންޑަރީ ފޯވާޑުގެ ގާތުގައި އެ ރިޕޯޓަރު ބުނިކަމަށް ވެއެވެ.

"އަހަރެން ރަތް ރިބަން ގެންގުޅެނީ ނަސީބު ރަނގަޅު ކުރުމުގެ ބޭނުމުގައި، ބޭނުން ނަމަ މި ދެވިދާނެ. މީ އަހަރެންގެ މަންމަގެ ފަރާތުން ދޭ އެއްޗެއް" ރާމާ ޕަންޓަރޮޓޯ މެސީ ގާތު އިތުރަށް ބުނިކަމަށްވެއެވެ.

އެއަށްފަހު މެސީ ކުޅުނު މެޗެއް ކާމިޔާބުކޮށްފައި ވަނިކޮށް ހަމަ މި ރިޕޯޓަރު މެސީއާއި އިންޓަވިއުއެއް ކުރިއިރު ރިޕޯޓަރު އެދިފައިވާ ގޮތަށް މެސީ އަތުގައި ރިބަން ފަށް އަޅާފައި އޮއްވާ އޭނާ އަށް ފެނުނެވެ. އެކަންވީ ރިޕޯޓަރަށް ހައިރާންކަން ލިބުނު ކަމަކަށެވެ.

އޭގެ ފަހުން މެސީ ވަނީ ''ނަސީބުގެ ތަޅުދަނޑި ކަމަށް ބުނެ'' ރަތްރިބަން ޓީމުގެ އެކި ކުޅުންތެރިންނަށް ދީފައިވެއެވެ. އެގޮތުން ތަފާތު ގިނަ މެޗްތަކެއްގައި އެކި ކުޅުންތެރިން މި ރަތް ރިބަން ބޭނުންކޮށްފައިވެއެވެ. އަދި އެ މީހުންނަށް ލިބޭ ކާމިޔާބީއާއި އެ ރިބަންފަށް ގުޅޭކަމަށް އެމީހުން ގަބޫލު ކުރިއެވެ.

މި ގަބޫލުކުރުމުގެ ތެރެއިން ވޯލްޑްކަޕްގައި ފްރާންސް އާއި ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ރަތް ރިބަން އަޅާފައެވެ. އެ މެޗުގައި އޭނާ ޕެނަލްޓީ ސަލާމަތްކުރި އިރު ރަތް ރިބަން އަޅާފައި ވެއެވެ. އަދި އޭގެ ފަހުން މެސީ އެ ރިބަން އަޅާފައިވާތަން ފެނި މިކަން ވަނީ ބައިނަލް އަގުވާމީ ބައެއް މީޑިއާ ތަކުގެ ސަމާލުކަމަށް ވެސް އައިސްފަ އެވެ.